ޚަބަރު

އައްޑޫ ނަރުދަމާގެ މަސައްކަތް ދޮޅުމަސްތެރޭގައި ނިމޭނެ - އެމްޓީސީސީ


އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ އައްޑުސީޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި އެކުންފުނިން ޤާއިމުކުރަމުންދާ ނަރުދަމާ ނިޒާމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އެ ތިން ރަށުގައި 38 ކިލޯ މީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފޭދޫގައި 6 ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ 2500 ގެއަކަށް ނަރުދަމާ ހޮޅި ގުޅުމަށް ހަމަޖެހިފައިވެއެވެ. މިއީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް، އޯފިޑްގެ ލޯން އެހީގެ ދަށުން 130 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއެކެވެ.

މި މަޝްރޫޢުގެ އިތުރުން މާލޭ ވޯޓަރ އެނޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައިވެސް ދަނީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާ އެޅުމަށް ހަމަޖެހިފައިވެއެވެ.

އަދި މީގެ އިތުރުން ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމީދޫގައިވެސް ނަރުދަމާ އެޅުމުގެ މަސައްކަތް ދަނީކުރަމުންނެވެ. ހުޅުމީދޫ ނަރުދަމާގެ މަޝްރޫއަކީވެސް އޮފިޑްގެ ލޯން އެހީގެ ދަށުން 113 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.