ޚަބަރު

"އޮނަރަރީ ޑޮކްޓަރޭޓަކީ ރައީސްގެ މަސައްކަތް ބަލައިގަންނަކަމުގެ ހެއްކެއް"


  • ދައުލަތުގެ މުއައްސަސާތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދޭ

  • މިއީ ރާއްޖެ އިސްކުރައްވައިގެން ޤައުމުތަކާ ހަމަހަމަ ގުޅުމެއް ބާއްވަމުންދިއުމުގެ ސަބަބުން ލިބޭ ފަޚުރެއް

އޮނަރަރީ ޑޮކްޓަރޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމުގެ ކުރިއެރުމަށް ކުރައްވަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމަޢުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވާ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެމަނިކުފާނު އެ ޤައުމަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދައުލަތަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން މަރުޙަބާ ދަންނަވާފައެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެ މަނިކުފާނު ޤައުމުގެ އިގުތިސާދީ އަދި އިޖުތިމާޢީ ހާލަތު ރަނގަޅުކުރެއްވުމަށާއި ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި، ދައުލަތުގެ މުއައްސަސާތައް އިތުރަށް ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާކަމުގެ ހެއްކެއް ކަމަށް ބުންޏެވެ.

މިއީ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި އެ ޕާޓީގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރަށް އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުން ދިވެހިންނާއި ރާއްޖެ އިސްކުރައްވައިގެން އަވައްޓެރި ޤައުމުތަކާއި ދުރު ޤައުމުތަކާއެކު ހަމަހަމަ ގުޅުމެއް ބާއްވަމުންދިއުމުގެ ސަބަބުން ރާއްޖެއާއި ރައްޔިތުންނަށް ލިބެމުންދާ ޝަރަފާއި ފަޚުރު ކަމަށްވެސް އެ ޕާޓީން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު އެއީ ރާއްޖެއަށް ހާސިލް ކުރެވުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ޕީއެންސީން ވަނީ ސިފަކޮށްފައެވެ. އަދި ޕާކިސްތާނަކީ އިސްލާމީ އުއްމަތުގެ އެންމެ މުހިންމު އެއް ބާރަށްވާއިރު އެ ޤައުމަށް ރާއްޖޭގެ ވެރިޔަކު ޒިޔާރަތް ނުކުރައްވާތާ 11 އަހަރު ފަހުން ރައީސް ޑރ. މުޢިއްޒު ކުރައްވާ ޒިޔާރަތަކީ އިސްލާމީ ޤައުމުތަކާއެކު ބަދަހި ގުޅުމެއް ބާއްވަން އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ރަމްޒެއް ކަމަށްވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އޮނަރަރީ ޑޮކްޓަރޭޓް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ، ޕާކިސްތާނުގެ ރައީސް، ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުންނެވެ. މިއީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ޤަވާއިދުތަކާއި، އަދި މި ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސްއަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވާ ޝަރަފެކެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ރާއްޖޭގެ އާންމު ޚިދުމަތް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްޤީކޮށްދެއްވާފައިވާ މަސައްކަތުގެ އިތުރަށް ހިންގުމުގެ ދައިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެކި ފަންތީގެ އިސް ފަންނީ އަދި ސިޔާސަތު ކަނޑައަޅާ މަޤާމުތައް ފުރުއްވާފައިވާ ކަމަށާއި އިސްލާމްދީން ކުރިއެރުވުމާއި، ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމާއި، އަދި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސަލާމަތާއި، އަދި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ، ޢާންމު ޚިދުމަތަށާއި ޤައުމީ ތަރައްޤީއަށް އެމަނިކުފާނު ބަހައްޓަވާފައިވާ ޚާއްސަ އިޚުލާސްތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވާއިރު، މީގެ ކުރިން މެލޭޝީއާގެ އިސްލާމިކް ޔުނިވާސިޓީންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.