ޚަބަރު

ތުރާކުނު އައު މިސްކިތުގެ މަސައްކަތް ނިންމާ، ހުޅުވަން ތައްޔާރުވަނީ


  • މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް

  • މި އިމާރާތުގެ ބޮޑުމިނަކީ 240 އަކަމީޓަރު

ހއ. ތުރާކުނު އައު މިސްކިތުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް މިހާރު ދަނީ މި މިސްކިތް އާއްމު ރައްޔިތުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އިންސްޕެކްޝަން މަސައްކަތްތަކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ, އެމްޓީސީސީ އާއި ހަވާލުކޮސްގެން ކުރިއަށް ގެންދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި އިމާރާތުގެ ބޮޑުމިނަކީ 240 އަކަމީޓަރެވެ. މިއީ 2 ޖިންސުގެ މީހުނަށްވެސް ނަމާދުކުރެވޭނެ ގޮތަށް އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކު ބިނާކޮށްފައިވާ މިސްކިތެކެވެ.

10 މިލިޔަން 3 ލައްކަ 84 ހާހަށް ވުރެގިނަ ރުފިޔާ ޙަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުންނެވެ. މި މިސްކިތުގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލުމުން ތުރާކުނުގެ ރައްޔިތުންނަށް ނަމާދުކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށް ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ތުރާކުނު ކައުންސިލުގެ ރައީސް އަހުމަދު ސިރާޖުވެސް ވަނީ ފާހަގަކުރައްވަފައެވެ.

ހއ ތުރަކުނުގައި މިވަގުތު ބޭނުންކުރަމުން އަންނަނީވެސް 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އަލަށް ބިނާކުރި މި މިސްކިތް ހުޅުވުމާއިއެކު ރަށުގެ ރައްޔިތުންނަށް ޒަމާނީ އަދި ޖާގަ ތަނަވަސް މާހައުލެއް ލިބިގެންދާނެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 4 ސެޕްޓެންބަރު 2023ގައެވެ.