ޚަބަރު

ވޯލްޑް ކަޕަށް ޒުވާން ޤައުމީ ޓީމު އަޒަރުބައިޖާނަށް


  • ޒުވާން ގައުމީ ޓީމު ލައްވާލީ ފްރާންސްއާ އެއް ގްރޫޕެއްގައި

  • މި ސަރަހައްދުން ނޭޕާލް ފިޔަވައި ހުރިހާ ގައުމަކުން ބައިވެރިވާނެ

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު އަޒަރުބައިޖާނަށް ފުރައިފިއެވެ.

ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)ގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒުވާން ޓީމު މި ފަހަރުގެ މުބާރާތާ ކުރިމަތިލާއިރު، މިއީ ރާއްޖެއިން ޑިވެލޮޕްމެންޓް ސްޓޭޖުގައި ވަރުގަދަ މެޗުތަކެއް ކުޅެން ލިބޭ ފުރަތަމަ ފަހަރެވެ.

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ދިވެހިރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ތިންވަނައިގައި އޮތް ފްރާންސާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ހޯސްޓު ސައުތު އެފްރިކާގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު ޝާކިރު ބުނީ، މި މުބާރާތައް ރާއްޖެއިން ދާއިރު، މިއީ ޑިވެލޮޕްމަންޓް ސްޓޭޖުގައި ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބާއްވަން ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ. މި ފެސްޓިވަލުގައި، ދެ ޖިންސަށް، ވަކިން މުބާރާތް ބޭއްވުމަށް ފީފާ ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް އޮންނާނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށް ޚާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ

މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ޤައުމަކުންވެސް މި މުބާރާތުގައި ބައިވެރިވާނެކަމަށް ބެލެވޭއިރު، ބައިވެރިނުވެވޭނީ ނޭޕާލަށް އެކަންޏެވެ. އެއީ އެ ގައުމު މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުންނެވެ.