ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ހޯރަފުށިގައި އެއަރޕޯޓް ހެދުން - އެމްޓީސީސީ


މި ސަރުކާރުގެ ވިސްނުނުން ހުރީ ހއ.މާފިނޮޅިގައި އެއަރޕޯޓް ހެދުމުގެ ބަދަލުގައި ހޯރަފުށިގައި ހިއްކާފައިވާ ސަރަހައްދު ބޮޑުކޮށްގެން އެރަށުގައި އެއަރޕޯޓް ހެދުމަށްކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ކުރީގެ ސަރުކާރުން މާފިނޮޅުގައި އެއަރޕޯޓް އެޅުމަށް ނިންމާފައިވީނަމަވެސް އެކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ފަށާފައިނުވާކަމަށެވެ.

މިސަރުކާރުގެ ވިސްނުންހުރީ މާފިނޮޅު ހިއްކުމުގެ ބަދަލުގައި ހޯރަފުށީގައި ހިއްކާފައިވާ ސަރަޙައްދު މިހާރަށް ވުރެ ބޮޑަށް ހިއްކައި އެރަށުގައި އެއަރޕޯޓް ހެދުންކަމަށެވެ.

"މާފިނޮޅުގައި އެއަރޕޯޓް އެޅުމަށް ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވޭ. ކުރީސަރުކާކަރުން މާފިނޮޅު ހިއްކުމަށް މަހާޖައްރާފާއި އިތުރު މެޝިނަރީޒްތައް ގެނދިޔަނަމަވެސް އެއްވެސް ވަރަކަށް ޢަމަލީ މަސައްކަތް ފަށާފައެއް ނުވޭ."ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދިޔުމަށްޓަކައި ރީޖަނަލް އެއަރޕޯޓްސްއާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. މިދޔަ ސަރުކާރުން ނިންމާފައިވަނީ ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން އެތަނުގައި އެއަރޕޯޓު ހެދުމަށެވެ.