ޚަބަރު

އިމާރާތް ކުއްޔަށް ދިނުމުގެ ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ޕްރިމިއާ ޗެމްބާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ރާއްޖޭގައި އަލަށް ހަދާ ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ޕްރިމިއާ ޗެމްބާސްއާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ނަޝީދެވެ. އަދި ޕްރިމިއާ ޗެމްބާސްގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެސޯސިއޭޓް ޑރ. މުހައްމަދު އިބްރާހީމެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ އެ ޤާނޫނު ޑްރާފްޓް ކުރެވިގެންދާނީ އެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އާންމު ރައްޔިތުންގެ ޚިޔާލާއިއެކުގައި ކަމަށެވެ.

އަލަށް އެކުލަވާލަމުންދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު ނުވަތަ "ޓެނެންސީ އެކްޓް" އަކީ ކުލި ކޮންޓްރޯލް ކުރުމަށް އެކުލަވާލާ ޤާނޫނެއް ނޫންކަމަށް ހައުސިން މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ޤާނޫނަކީ އިމާރާތްތައް ކުއްޔަށްދިނުމާބެހޭ މުޢާމަލާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ތަފްސީލުތައް ހިމެނޭ ޤާނޫނެއްކަމަށް ހައުސިނ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި ޤާނޫނުގައި ކުއްޔަށް ދޭ އިމާރާތަކީ ކޮން ފެންވަރެއްގައި ހުންނަންޖެހޭ ތަނެއްކަމާއި، އެޑްވާންސްއަށް ފައިސާ ނެގޭނެ ގޮތްތަކާއި، އެގްރީމެންޓްގެ މުއްދަތު ކަނޑައެޅޭނެ ގޮތްތައްވެސް ބިލްގައި ހިމަނާނެކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާލުވެފައެވެ.

ރާއްޖޭގައި މިހާތަނަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ވަކި ޙާއްޞަ ޤާނޫނެއް ހެދިފައިނުވާއިރު، ކުލީގެ އަގު އިންތިހާއަށް ބޮޑުވެ ކުއްޔަށްދޭ ތަންތަނުގެ ހާލަތު ދައްވަމުންދާ މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.