ޚަބަރު

ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ކަނބަލުންނަށް ދޮށީގެ މަސްވެރިކަން ކުރާ ގޮތް ދަސްކޮށްދީފި


އަންހެނުންގެ ދުވަހާ ގުޅުވައިގެން ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން، ގެމަނަފުށީ އަންހެންވެރިން ގޮވައިގެން ކަނޑުމަސް ބާނާ ގޮތް ދަސްކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އެހީއާއިއެކު މަސްވެރިންގެ ޖަމިއްޔާއިން ބޭއްވި މި ހަރަކާތުގައި ގެމަނަފުއްޓަށް ނިސްބަތްވާ އަންހެނުންނާއި، ބީއެމްއެލްގެ ބައެއް އަންހެން މުވައްޒަފުން ހިމެނޭ ގޮތަށް 28 ކަނބަލުން ވަނީ ބައިވެރިވެފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތުގައި އެން ދަމާ ގޮތާއި، ދޮށީގެ މަސްވެރިކަން ކުރާ ގޮތް ދައްކައި ކަނބަލުންނަށް މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ވަނީ ދީފައެވެ. އެގޮތުން މިއަދުގެ ޕްރޮގްރާމުގައި ގެމަނަފުށީ ކައިރީގައި އޮންނަ ބޮޔަށް ގޮސް އަންހެންވެރިންގެ މަސައްކަތުން 300 ކިލޯގެ މަސް ބާނާފައިވެއެވެ. މިއަދު ބޭނި މަސް ކެއްކުމަށްފަހު، އެއިން ރިހާކުރު ހަދައި، ފުޅީގައި ބަންދުކޮށް އެތަކެތި މާކެޓުކޮށް، ވިއްކުމަށްވެސް ހަމަޖައްސާފައިވާ ކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަރަކާތް އިންތިޒާމުކުރި، ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް، އަހުމަދު ޝާފިއު ވިދާޅުވީ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަށްވެފައި، އެކަމުގައި އަމަލީ ގޮތުން އަންހެނުން ބައިވެރިކުރުވުމަކީ އެ ހަރަކާތުގެ މައިގަނޑު މަގްސަދު ކަމަށެވެ. އަދި މަސް ބޭނުމަށްފަހު މަހުން އުފައްދާ އުފެއްދުންތައް ދިވެހި މަސްވެރިންގެ ކޯޕަރޭޓިވް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރުގައި ވިއްކޭނެ ގޮތް ހެދުމަކީވެސް އެ ހަރަކާތުގެ އެއް އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަކަށްވެފައި، އަންހެން ކަނބަލުންނަށް މިކަން ތަޖުރިބާކޮށް މީގަ އަމަލީ ގޮތުން ބައިވެރިކުރުވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އަޅުގަނޑުމެން ކޮށްދިން ކަމެއް މިއީ. މީގެ އިތުރު ބޭނުމެއްވެސް އެބައިން. އެއީ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ އަންހެން ބޭފުޅުން މިގޮތަށް މިހަދާ ތަކެތި ކޮންމެވެސް އެއް ސިފައެއްގަ ކޮންމެވެސް ބްރޭންޑެއްގެ ނަމެއްގަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރުގަ ވިއްކޭނެ ގޮތް ހެދުން. އެގޮތުން އަޅުގަނޑުމެން މިހާރު އިންނާނީ ދިވެހި މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އެއް އުފައްދާފަ،" ޝާފިއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިވެހި އަންހެނުން އުފައްދާ އެފަދަ ތަކެތި އެ ކޯޕަރޭޓިވް ސޮސައިޓީގެ ލޭބަލްގައި ވަރަށް އަވަހަށް ދިވެހި ބާޒާރަން ނެރޭނެ ކަމަށެވެ. އޭގެ ތެރޭގައި ވަޅޯ މަހާއި، ރިހާކުރު، އަދި އެ ނޫނަސް ދިވެހިން މަހުން އުފައްދާ ހުރިހާ ބާވަތެއްގެ ތަކެތި ބާޒާރަށް ނެރުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮށީގެ މަސްވެރިކަމަކީ ބުރަ މަސައްކަތަކަށްވާއިރު، އަންހެންވެރިންނަށް އެ މަސައްކަތް ކުރާ ގޮތް ދަސްކޮށްދިނުންވެސް އެއީ ބުރަ މަސައްކަތަކަށްވާނެއެވެ. މަސްވެރިކަމަކީ އަންހެން ވެރިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް މި ހަރަކާތުގައި ބައިވެރިވި ކަނބަލުންގެ ފަރާތުން ފެނިގެން ދިޔައީ އެފަދަ މަންޒަރެއް ނޫނެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ދިވެއްސަކަށްވާނަމަ މަސްވެރިކަމަކީ ލޭގައި ހިނގާ ކަމެއްކަން މިއަދުގެ ހަރަކާތުންވެސް އެނގި ހާމަވެގެން ގޮސްފިއެވެ. އެކަން ދިވެހި ކަނބަލުން ސާބިތު ކޮށްދީފިއެވެ.

މީގެ ކުރިންވެސް، ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ވަނީ މިފަދަ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާފައެވެ. އަދި އޭގެ އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ރޭވިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.