ޚަބަރު

އޭދަަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް މާދަމާ ރޭ ފަތިސް ނަމާދަށްފަހު


ބ.އޭދަފުއްޓަށް އެއަތޮޅުގެ މާއްޑޫ އުނޑޫދޫ ފުނަދޫ މި ތިންރަށުގެ މީހުން ބަދަލު ކުރިތާ 50 އަހަރު ފުރުމުގެ ގޮތުން ބާއްވާ ކުޅިވަރު އީދު މާދަމާ ރޭ ފަތިސް ނަމާދަށްފަހު ކުރެވޭ ހާއްސަ ދުއާ އަށްފަހު ފެށުމަށް ނިންމައިފިއެވެ.

މިހަރަކާތައް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން، ޖަމިއްޔަތުލް ވަފާގެ ނާއިބު ރައީސް އަޙްމަދު ވާފިރު ވިދާޅުވީ، މާދަމާ ރޭގެ ފަތިސް ނަމާދަށްފަހު ކުރާ ޙާއްސަ ދުޢާގައި އޭދަފުށީގެ ކުދި ބޮޑު އެންމެން ބައިވެރިވުމަކީ މި ތިންރަށުގެ މީހުންއެދޭ އެދުމެއްކަމަށެވެ.

ހަފްތާއެއްގެ މުއްދަތަކަށް ދިގުދެމިގެންދާ މި ކުޅިވަރު އީދުގައި ސަޤާފީ ކުޅިވަރު ހަރަކާތަތަކާއި، މަޝްހޫރު ނެށުންތެރިންގެ ހަރަކާތްތައް ފެނިގެން ދާނެކަމަށެވެ. އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަން ޔޫބީލް ކުޅިވަރު އީދުގައި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ރެއެވެ.

މިކުޅިވަރު ހަރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޭދަފުށީގެ ރައްޔިތުންނަށް ހުޅުވާލާފައިވާކަމަށާއި، 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ހާއްސަ ހަރަކާތަކީ ހަވާއެރުވުންކަމަށެވެ.
އޭދަފުށީގެ ހުޅަނގު ދެކުނު ހުސްބިމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގައި މާއްޑޫ އުނޑޫދޫ ފުނަދޫ މި ތިންރަށުގެ މީހުންގެ އޭރުގެ ދިރިއުޅުން ދައްކާލުމާއި، ދަފި ނެގުމާ އަންހެނުން ކޯޑި ކުޅުމުގެ އިތުރުން ހާއްސަ ޖަލްސާއެއް އޮންނާނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާގުޅިގެން އަންހެނުނަށް އަމާޒުކޮށްގެން ހާއްސަ ކުޅިވަރުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ މަސްރޭސް ފާހަގަކޮށްލެވެއެވެ.
ކުޅިވަރުތައް ނިންމާލުމުގެ ގޮތުން އޭދަފުއްޓަށް ބަދަލު ކުރި ތިންރަށުގެ މީހުންގެ ފަރާތުން ބ.އަތޮޅުގެ އިސްވެރިންނަށާ، އޭދަފުށީ އެންމެނަށް ހާއްސަކޮށްގެން ޖާފަތެއް ދޭނެއެވެ.

ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968 ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން އެ 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރު 1968 ގަ އެވެ.