ޚަބަރު

ބ.އޭދަފުށީ ޓާފް ދަނޑު މިމަހުގެ 16 ވަނަ ދުވަހު ހުޅުވަނީ.


ބ. އޭދަފުށީގައި ތަރައްގީކުރަމުން އަންނަ މަތީ ފެންވަރުގެ ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު މި މަހުގެ 16 ވަނަ ދުވަހު ހުޅުވަން ހަމަޖައްސައިފި.
އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ހަދަމުން އަންނަ މިދަނޑު ހުޅުވުމުގެ ގޮތުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަން ރާވައިފައިވަނީ އޭދަފުށިން ހޮވާލެވޭ ޓީމަކާއި، އެފްއޭއެމް އިން ހޮވާލާ ޓީމަކާ ދެމެދު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުން.
އޭދަފުށިން ހޮވާލެވޭ ޓީމް ގެ ޕްރެކްޓިސް ޓާފް ދަނޑުގައި ވަނީ ފަށާފަ. އޭދަފުށީ ޓީމުން ބުނީ ވަރަށް ފުރިހަމައަށް މެޗައް ތައްޔާރު ވަމުން ދާކަމަށާ، ގައުމީ ޓީމް ނުވަތަ އެފް އޭއެމް އިން ހޮވާލެވޭ ޓީމާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް.
ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ މިމެޗްގައި އޭދަފުއްޓަށް މިނިވަން ޗެމްޕިއަންޝިޕް 2016 ވަނަ އަހަރު ކާމިޔާބުކޮށްދިން ކުޅުންތެރިނާ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށްވެސް ވަނީ ފުރިސަތުދީފައެވެ.
މިޓީމްގެ ކޯޗެއް ގޮތުގައި ހަރަކާތްތެރިވާނީ މިދިޔަ އަހަރު ޓީސީ އަށް މާލޭ ލީގު ކާމިޔާބުކޮށްދިން ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ).
ފުޓް ބޯޅައިގެ ތަފާތު ހަރަކާތްތަކެއް ފެނިގެންދާ މި ރަސްމިއްޔާތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އިސްވެރިންނާއި ފުޓްބޯޅައަށް ލޯބި ކުރާ އެތައް ފަރާތްތަކެއް ބައިވެރިވާ ގޮތައް ވަނީ ހަމަޖެހިފަ.