ޚަބަރު

ގޭގެއަށް ސާފުބޯފެން ފޯރުކޮށް ދިނުމުން ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން މަދުވާނެ - ޑރ.ޙުސައިން ރަޝީދު


ކުރިއަށް އޮތް 5އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ވޯޓަރ ސަޕްލައި ނުވަރަ ސާފު ބޯފެން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާ އެކަމުގެ ސަބަބުން ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ވަރަށްބޮޑަށް މަދުވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްތަރ މިހެންވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި އެދިރުންތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ދިމާވާ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށްޓަކައި، ހަތަރު އަންހެނުންގެ މައްޗަށް ހިމެނޭ ޓީމަކުން ކުރި "ސްޓޭންޑްއަޕް ޕެޑަލް ދަތުރު" ނުވަދަ ކޮޅަށްހުރެ މޫދުގައި ދުއްވާ ކަނދުގައި ކުރި ދަތުރު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ބޯން ބޭނުންކުރާ ފެންއަޅާފައި ހުންނަ ޕްލާސްޓިކްފުޅި ބޭނުން ކުރުން މަދުކުރުމަށް ސަރުކާރުން ޚާއްސަ ޙަރަކާތެއް ފަށާފައިވާކަމަށާ، މިކަމުގެ ސަބަބުން ޕްލާސްޓިކް ފުޅި ބޭނުންކުރާ ޢަދަދު މަދުވެގެން ދާނެކަމަށެވެ.

"ސިންގަލް ޔޫސް ޕްލާސްޓިކަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެއް. ގިނަމީހުން ފެން ބުއިމަށް މި ބޭނުންކުރަނީ ޕްލާސްޓިކް ފުޅި، އެކަން ހުއްޓުވުމަށްޓަކައި ބައެއް މިނިސްޓްރީ ތަކުގަ އެދަނީ ބިއްލޫރި ފުޅި ބޭނުންކުރެވެމުން. ބޭނުންކޮށްފަ އެއްލާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ، ކުރިއަށް އޮތް 5 އަހަރެއް ހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވޯޓަރ ސަޕްލައި ފެން ފޯރުކޮށްދެވެން ފެށުނީމަ ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދުވެގެންދާނެ". މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި، އެ ދިރުންތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ކޮންމެ ހަރަކާތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެއްޓައް ވަމުންދާ ގެއްލުންތައް ޢާންމުނަށާއި ފަތުރުވެރިންނަށާއި ރާއްޖޭން ބޭރުގެ ޤައުމުތަކަށް އަންގައި ދިނުމަށް ކުރާ ކޮންމެކަމަކީ މުހިންމު ކަންކަން މިނިސްޓަރ ފާހަގަކުރެއްވި. އަދި މިކަމުގެ ސަބަބުން އިސްތިހާރު ވާނީ، ހަމައެކަނި ތިމާވެށި ނޫންކަމަށާ، މިފަދަ ހަރަތަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަންވެސް އިސްތިހާރުވެގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވި.

"މިހާތަނަށް އެއްވެސް ބަޔަކު ތިމާވެށީކަމެއްގައި އައިސްފިނަމަ ވާނީ އެއްބާރުލުން ދީފަ، އަދި ކުރިއަށް އޮތްތާވެސް ދޭނަން. ރާއްޖޭގަ މިފަދަ ހަރަކާތްތައް ހިންގާ ކޮންމެ ފަރާތަކަށް އެއްބާރުލުން ދޭނަން ދިވެހިން ވިޔަސް ބޭރުމީހުން ވިޔަސް، އެކަމުގެ ސަބަބުން ފައިދާވާނީ ހަމަ ރާއްޖެއަށްކަމަށް ގަބޫލް ކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

ދިމާވެށި ޙިމާޔަތްކުރުމާމެދު ޢާއްމުން ހޭލުންތެރިކުރުވަން ކުރަމުންދާ މަސައްކަތުގެސަބަބުން ދާދިފަހުން ބ.އަތޮޅުގައި ވަނީ 43 ކިލޯމީޓަރުގެ ފެތުމެއްވެސް ބާއްވާފައި. މިއީ ބ.އަތޮޅުގައި މިއަހަރު ތެރޭގައިބޭއްވި މިފަދަ ބޮޑު ދެވަނަ ހަރަކާތެވެ.