ތިމާވެށި

ލ. މާމެންދޫ - ރަށުން ކުނި ބޭރުކުރެވޭނެ ގޮތެއް ބޭނުންވެފައި!


ތިމާވެއްޓާމެދު އޮންނަ ހޭލުންތެރިކަން އިތުރުވެ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި މިހާރު އަންނަނީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތުގައި ބައެއް ރަށްރަށުން އަންނަނީ ނަމޫނާވެސް ދައްކަމުންނެވެ. މިފަދަ އެއްރަށަކީ ލ.މާމެންދޫއެވެ.

މާމެންދޫގައި ކުނި ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދިޔަ ނަމަވެސް، މިކަމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ލ. މާމެންދޫގައިވެސް ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުންނެވެ. ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ އެހީގައި ކުރިއަށްގެންދިޔަ ލޯ އެމިޝަން ކްލައިމެޓް ރެސީލިއަންޓް ޑިވެލޮޕްމަންޓް، ލެކްރެޑް ޕްރޮގްރާމުގައި ބައިވެރިވެ، އޭގެން ލިބުނު ފަންޑާއި، ކައުންސިލްގެ އާމްދަނީން ބޮޑުބައެއް ޚަރަދުކޮށްގެން ރަށުގެ އެންމެ އިރުމަތީ ފަރާތުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށް، ކުނި ނައްތާލުމުގެ މަސައްކަތް މާމެންދޫގައި އަންނަނީ ކުރަމުންނެވެ. މި ސެންޓަރުގައި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 8 މުވައްޒަފުން މަސައްކަތް ކުރެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ޙުސެއިން ޙަބީބު ޢަލީ ވިދާޅުވީ، މުޅި ލާމު އަތޮޅަށް ބަލާނަމަވެސް އެންމެ އެދެވޭގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ރަށަކަށް މާމެންދޫވާނެކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. ޙަބީބު ވިދާޅުވީ، ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކުވެސް ގޭގެއިން ކުނި ނެގުމުގެ ޙިދުމަތް ފޯރުކޮށްދެމުންދާކަމަށެވެ.

"ހުކުރު ދުވަސް ނޫނީ ކޮންމެ ދުވަހަކުވެސް ކޮންމެ ގެއަކުންވެސް އަޅުގަނޑުމެން ކުނި ނަގަން.. ގޭގައިވެސް ހުންނާނީ ބިއްލޫރިއާއި، ދަގަނޑާއި، ޕްލާސްޓިކް އަދި ކުނިވާ ޒާތުގެ ކުނި ވަކިކުރެވިފައި.. އަޅުގަނޑުމެން އެކުނިތައް ރަށުތެރެއިން ނަގައިގެން ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެނެސް، ގަސްކާނާ ހެދުމަށްވެސް މި ބޭނުންކުރަނީ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިކަން މިކުރެވެނީ ރަށުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ލިބިގެން،" ޙަބީބު ވިދާޅުވިއެވެ.

ރަށުތެރޭގައި ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށްދިޔަ ނަމަވެސް މިކަން ކުރުމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަން މާމެންދޫ ކައުންސިލުން ފާހަގަކުރެއެވެ. އެގޮތުން ގޭގެއިން ކުނި ނެގުމަށް ބޭނުންކުރުމަށް އެކަށީގެންވާވަރަށް އުޅަނދުނެތުމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހުރި ބައެއްކަހަލަ އިކުއިޕްމަންޓްސްތައް އެންމެ އެދެވޭގޮތެއްގައި ބޭނުން ނުކުރެވޭކަމަށް ކައުންސިލުން ބުނެއެވެ. ހަމައެހެންމެ ފަސޭއިން ނައްތާނުލެވޭ ކުނީގެ ބާވަތްތައް ރަށުން ބޭރުކުރެވޭނެ ގޮތެއްނެތުމުގެ ސަބަބުން ވޭސްޓްމެނޭޖްމަންޓް ސެންޓަރު ހިމެނޭ ސަރަޙައްދުގައި ގިނަ އަދަދެއްގެ ކުނި ވަނީ ޖަމާވެފައެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ނައްތާލުވެނޭ ޒާތުގެ ކުނި ފުނިޖެހެމުންދާއިރުވެސް، އެތަކެތި ރަށުން ބޭރުކުރެވޭނެ އިންތިޒާމެއް މިހާތަނަށް އައިއިރުވެސް ހަމަޖެހިފައިނެތުން.. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާގޮތުން ސަރުކާރުން އެބަ މަސައްކަތް ކުރޭ ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖްކުރާނެ ރަށްތަކެއް ހެދުމަށް އެކި ޒޯންތަކަށް ބަހާލައިގެން.. ދެން އެބޭފުޅުންގެ ޕްލޭންގައި އެބައޮތް މިގޮތަށް ނައްތާނުލެވޭ ކުނި ކަނޑައެޅޭ ވަކި ރަށަކަށްގެންގޮސްގެން ނައްތާލުންވެސް.." ޙަބީބު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 900 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މާމެންދޫގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1.5 ކިލޯގެ 2 ލޮރީ ފުރާ ކުނި ނެގޭކަމަށް މާމެންދޫ ކައުންސިލުން ބުނެއެވެ. އަދި ކުނި ނަގައިދިނުމުގެ ފީއެއްގެ ގޮތުން ކޮންމެ ގޭބިސީއަކުން 100 ރުފިޔާ އަދި ރަށުގައި ހުރި މުއައްސަސާތަކުން 200 ރުފިޔާ ކައުންސިލުން އަންނަނީ ނަގަމުންނެވެ.

މީގެއިތުރުން ކުނިވާ ޒާތުގެ ކުންޏާއި، ފަތްކުނި ބޭނުންކޮށްގެން ގަސްކާނާ އުފައްދާ، އެއިން ކައުންސިލަށް އާމްދަނީ ހޯދުމުގެ މަސައްކަތްވެސް މާމެންދޫ ކައުންސިލުން ދަނީ ކުރަމުންނެވެ.