ޚަބަރު

ހަތަރު އަންހެނުން ކަނދުގައި ކުރާ 100 ކިލޯ މީޓަރުގެ ދަތުރު ފަށައިފި.


ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި، އެ ދިރުންތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ދިމާވާ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށް ހަތަރު އަންހެނުންގެ ޓީމަކުން ކުރާ ސްޓޭންޑްއަޕް ޕެޑަލް ދަތުރު ބ.އަތޮޅުގައި ފަށައިފިއެވެ.
“ސްޓޭންޑް އަޕް ފޯ އަވާ ސީސް އެކްސްޕެޑިޝަން”ގެ ނަމުގައި ކޮކޯ ކަލެކްޝަނުގެ އެހީގައި ސްޓޭންޑްއަޕް ޕެޑަލްކޮށް ކުރާ މި ދަތުރަކީ 100 ކިލޯ މީޓަރުގެ ދިގު ދަތުރެކެވެ. މިދަތުރު އިއްޔެ ފަށާފައިވަނީ ބ.އަތޮޅު ކޮކޯޕާމް ދުނިކޮޅުންނެވެ.

ދަތުރުގައި ބައިވެރިވާ 4 ބައިވެރިން ބ.އަތޮޅުގެ 6 ރިސޯޓަކާއި، މީހުން ދިރިއުޅޭ 6 ރަށެއްގެ އިތުރުން ބަޔޮސްފިއަރ ރިޒާވްގެ ދަށުން ބަލަހައްޓަމުން ގެންދާ ހަނިފަރާ، މެންދޫގެ އިތުރުން 2 ފަޅު ރަށަކަށް އެރުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުގެ ބައިވެރިން މިހާރު ދަތުރު ކުރަމުންދަނީ މެންދޫއަށެވެ. މިރޭ މިބައިވެރިން މަޑުކުރުމަށް ހަމަޖެހިފައިވަނީ ދުސިތް ތާނީ ރިސޯޓްގައެވެ.

ދަތުރުގެ ބައިވެރިން ބ. އަތޮޅުގެ އެކި ރަށްރަށާއި ރިސޯޓުތަކަށް މަޑުކޮށް، ރައްޔިތުންނާއި ފަތުރުވެރިންނާއި ސްކޫލު ދަރިވަރުންނާއި ބައްދަލުކޮށް، ރާއްޖޭގެ ކަނޑުތަކާއި އަދި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެއެވެ.

މި ދަތުރުގައި ބައިވެރިވަނީ އިނގިރޭސި އެކްޓިވިސްޓް އަދި ވެޓެރިނޭރިއަން ކެލް މޭޖާއާއި، ރާއްޖޭގައި ހިންގާ އޮލިވް ރިޑްލީ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ވެޓެރިނޭރިއަން ކްލެއާ ޕެޓްރޮސްގެ އިތުރުން ދިވެހި ސާފިންގް އިންސްޓްރަކްޓަރުން ދަފީނާ ހަސަން އިބްރާހީމް (ދަފީ)އާއި ޝާޒިޔާ ސައީދު (ޝާޒު) އެވެ.