ތިމާވެށި

ކަސްޓަމްސްގެ މުވައްޒަފުން ނިކުމެ، މާލޭ ހާބަރު ސަރަޙައްދު ސާފުކޮށްފި


"ތިމާވެއްޓާ ރައްޓެހި ކަސްޓަމްސް" މި ޝިޢާރުގެ ދަށުން މާލޭގެ ކޮމާޝަލް ހަބަރ ސަރަޙައްދު ސާފުކުރުމުގެ ޙާއްސަ ހަރަކާތެއް ކަސްޓަމްސްއިން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ހާބަރ ސަރަޙައްދުން ގިނަ އަދަދެއްގެ ކުނި އެއްކޮށްފައިވާއިރު، މި ހަރަކާތުގައި ކަސްޓަމްސްގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޑެޓުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

"ތިމާވެއްޓާ ރައްޓެހި ކަސްޓަމްސް" މި ހަރަކާތަކީ ތިމާވެށީގެ ދާއިރާއިން ސަރުކާރުން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ހިތްވަރުދީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާންގެ އިސްނެންގެވުމަކަށް ކުރިއަށްގެންދާ ޙާއްސަ ހަރަކާތެކެވެ. މި ޝިޢާރުގެ ދަށުން 3 މަސް ދުވަހަށް ބަހާލައިގެން ތިމާވެއްޓާއި ގުޅުންހުރި ތަފާތު ކަންކަން ކުރިއަށްގެން ދިއުމަށް ކަސްޓަމްސްއިން ވަނީ ނިންމާފައެވެ.

އެގޮތުން ކަސްޓަމްސް މުވައްޒަފުން ނިކުމެ މާލޭ ހަބަރ ސަރަޙައްދު ސާފުކުރަމުންދިޔަ އިރު، މި ހަރަކާތުގައި ކަސްޓަމްސްގެ އިތުރުން، އެމް.ޕީ.އެލްގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. މި ހަރަކާތުގައި ހަބަރ ސަރަޙައްދުން ގިނަ އަދަދެއްގެ ކުނި ވަނީ ނަގާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި، ދަޅު އަދި ޓަޔަރު ފަދަ ކުނިތައް ހިމެނޭކަމަށް މި ހަރަކާތުގައި ބައިވެރިވި ސުޕްރިޓެންޑެންޑް އޮފް ކަސްޓަމްސް ޢުދްސިޔާ ތަޢުފީޤު ވިދާޅުވިއެވެ.

"މިއަދުގެ މި ހަރަކާތުގައިވެސް ކަސްޓަމްސްގެ ހެޑް އޮފީހާއި ކައިރި ދެތިން ދިމާލަކުން އަޅުގަނޑުމެން ކުނި އެއްކުރިން.. އަދި އެމް.ޕީ.އެލްގެ ސަރަޙައްދުތެރެވެސް ސާފުކުރިން.. ޕްލާސްޓިކާއި، ކުންޏަށްވާ ޒާތުގެ ތަކެތި ހަމަ ވަކިވަކިން އަޅުގަނޑުމެން ކަލެކްޓްކުރީ.. ވަރަށް ބައިވަރު ކުނި ނެގުން.. އަދިވެސް އާއްމުން ހޭލުންތެރިނުވާ މިންވަރު ވަރަށް ބޮޑަށް އިޙްސާސްވި މި ހަރަކާތުން.." ސުޕްރިޓެންޑެންޑް އޮފް ކަސްޓަމްސް ޢުދްސިޔާ ތަޢުފީޤު ވިދާޅުވިއެވެ.

ކަސްޓަމްސްއިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، މާލޭ ހަބަރ ސަރަޙައްދު ސާފުކުރުމުގެ އިތުރުން، ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ކަސްޓަމްސް އަދި އެމް.ޕީ.އެލްގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ޙާއްސަ ސެޝަނެއްވެސް ކުރިއަށްގެންދިޔައެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ސެޝަންގައި، ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކޮށް އުޅޭ ޕްލާސްޓިކުގެ ބާވަތްތަކާއި، އެފަދަ ތަކެތިން ތިމާވެއްޓާއި އިންސާނުންގެ ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތުދީފައިވެއެވެ.

"ޕްލާސްޓިކަކީ ކޮބައިކަން އެބަ ކިޔައިދެން.. އޭގެން އިކޯ ސިސްޓަމާއި، އިންސާނާގެ ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައްވެސް އެބަ ކިޔައިދެން.. އަދި އެބަ ކިޔައިދެން ރާއްޖޭގައި އާއްމުކޮށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތްތަކާއި، އެފަދަ ތަކެތި ބޭނުންކުރުން މަދުކުރެވޭނެ ގޮތްތައްވެސް އެބަކިޔައިދެން.." އެންވަޔަރަމަންޓް އެނަލިސްޓް، އީ.ޕީ.އޭ އީނާސް މުޙައްމަދު ވިދާޅުވިއެވެ.

"ތިމާވެއްޓާ ރައްޓެހި ކަސްޓަމްސް" މި ހަރަކާތުގެ ދަށުން ކަސްޓަމްސްއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް ސާފުކުރުމުގެ އިތުރުން، އިރުގެ އަލިން ހަކަތަ ހޯދުމާއި، މާލޭގެ މަގެއްގައި ގަސް އިންދުމާއި، ސިންގަލް ޔޫސް ޕްލާސްޓިން ބޭނުންކުރުން މަނާކުރުމާއި، ޕްލާސްޓިކް ފުޅި އެއްކުރުމާއި، އިމާރާތުގެ ތެރޭގައި ގަސް ބެހެއްޓުން އަދި ހޫނު ދައްކުރާ ސްޓިކަރ ޖެހުމާއި، ތިމާވެށީގެ ކަންކަމަށް އެކި ފަރާތްތަކުން ހޭލުންތެރިކުރުވުން ހިމެނެއެވެ. މިއީ ތިމާވެށި ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެންމެންގެވެސް ޒިންމާއެއްކަން ހަނދާންކޮށްދީ، މިކަމުގައި ފަރުދީ ޒިންމާ އިސްކުރުމަށް އާއްމުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ.