ތަޢުލީމު

ސްކޫލްތަކުގައި ސާފު ބޯފެން ލިބޭނެހެން ފެން ފިލްޓަރ ބަހައްޓަނީ


ރާއްޖޭގެ ސްކޫލްތަކުގައި ފެން ފިލްޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ.އައިޝަތު އަލީ މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ފުވައްމުލަކު ސީޓީ ކައުސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

ޔުނިސެފާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފެންއަޅާ ފުޅި ދިން ނަމަވެސް އެ ފުޅިތަކަށް ފެން އެޅުމަށް ޕްލާސްޓިކް ފުޅި ގަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ޔުނިސެފުގެ އެހީއާއެކު ސްކޫލުތަކުގައި ކުރިއަށްގެންދާ މި މަޝްރޫޢާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ކަމަކީ ޔުނިސެފުންވެސް ވަރަށް ބޮޑަށް ބާރުއަޅާ ތަރުހީބު ދޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިހާރު ރާއްޖޭގެ 213 ސްކޫލަކަށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ނުވެއްދޭ ގޮތަށް ހަމަޖަސާފައިވާކަން ފާހަގަކުރައްވާ މިކަމަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވެވި މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދު ކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިސްނަގާފައިވާތީ އެކަން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން ފަށްޓަވާފައިވާއިރު ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންވެސް ދަނީ މި ކެމްޕެއިންގައި ބައިވެރިވަމުންނެވެ. އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.