ޚަބަރު

"ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް" ނިންމާލައިފި


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކާއި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސްގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމާލައިފިއެވެ.

ބ.އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓްގައި ނިމިގެންދިޔަ ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕްގައި ވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކާއި ތިމާވެއްޓަށް ކުރާ އަސަރުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައިމަޝްވަރާކޮށްފައެވެ.

މޫސުމީ މައްސަލަތަކަށް ޙައްލު ހޯދުމަށްބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާގުޅިގެން ކުރާ އަސަރުތަކާއި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުމުގެ ވާހަކަދައްކައިގެން ފުއްދާލެވެން ނެތްކަމަށާ އެހުރިހާ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި އިތުރު ގޮތްތަކެއް ހޯދަން ޖެހިފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެންނައުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު މަސައްކަތްޕުޅު ކުރެއްވިއިރު، އެމަނިކުފާނު އަދާކުރެއްވީ ނޫސްވެރިއެއްގެ ދައުރު ކަމަށާއި އެގޮތުން އޭރު ލިބިވަޑައިގެންނެވި ފިލާވަޅުތަކުގެ އަލީގައި ތިމާވެއްޓާއި ގުޅޭ ގޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ ލިޔުންތަކެއް ލިޔުއްވި ކަމަށެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފޭދޭ ކަންބޮޑުވުންތަކުގެ ވާހަކަ ބައިނަލް އަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް ހަމައެކަނި މިވާހަކަ ދައްކާލައިގެން އެކަނި މިއަދު ފުއްދާލެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"2009 ވަނަ އަހަރު ރާއްޖޭގެ ރައީސަކަށް އަޅުގަނޑު ހުރިއިރުވެސް އެންމެ ބޮޑަށް ދެއްކީ މޫސުމަށް އަންނަ ބަދަލުގެ ވާހަކަ. އޭރު އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތްކުރިން މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓަށްލިބޭ ގެއްލުމުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެންނަން. އެކަމަކު އޭގެ އަހަރުތަކެއް ފަހުން އަނެއްކާވެސް މިދައްކަނީ ހަމައެވާހަކަ. މިގޮތަށް މިވާހަކަ ދައްކައިގެން ފުއްދާލެވޭކަށް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި ތިމާވެއްޓާއި ބެހޭ ވަޒީރު ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަކީ ޤައުމީ ކަމެއްކަމުގައި ދެކިގެން އިންސާނިއްޔަތައްޓަކައި ވެސް ރާއްޖެއިން އިސްނަގައިގެން އެކަމަށް ތެދުވާން ޖެހިފައިވާ ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލާއި ދުނިޔެ ހޫނުވަމުންދާ މިންވަރާމެދު އަޅައިނުލާ ތިބެއްޖެނަމަ އެ މިންގަނޑު މައްޗަށް ގޮސް ދުނިޔޭގެ ހޫނުމިން 2 ނުވަތަ 3 ޑިގްރީއަށް މައްޗަށް ޖެހުން އޮތީ ވަރަށް ގާތުގައި ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ލިބިފައިވަނީ ވަރަށް މަދު ދުވަސްކޮޅެއް. ފޮށިން ބޭރަށް ނުކުމެ ދިވެހިން މަސައްކަތްތަކެއް ކޮށްގެން އެކަންޙައްލު ކުރުމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހޫނުމިން އިތުރުވާނަމަ ރާއްޖޭގެ ރަށްތައް އުފެދިފައިވާ މުރަކައިގެ ބަގީޗާތަކުގެ 60 ނުވަތަ 90 އިންސައްތަ ޙަލާކުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށާ އެހެންކަމަށް ވާނަމަ ރާއްޖެފަދަ ޖަޒީރާ ޤައުމުތައް ނެތިގެން ދިއުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

މި ވޯކްޝޮޕްގައި ބައިވެރިވެ ވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ޑިޕްލޮމެޓިކް ގުޅުން ތަކުގައި ޤައުމީ މަސްލަހަތު އިސްކުރިނަމަވެސް މޫސުމީގޮތުން ކުރާ އަސަރުތަކާއި ގުޅޭ މައްސަލައިގާ އިންސާނީ މަސްލަހަތު އިސްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މޫސުމާ ބެހޭ މަޝްވަރާތަކުގައި ކުދި ޖަޒީރާ ޤައުމުތަކަށް ކާމިޔާބު ނުލިބެނީ ބާރުވެރިކަން ނެތިގެންނޫން ކަމަށާއި، ޑިޕްލޮމެޓިކް ގުޅުންތަކުގައި އާންމުކޮށް އެ ޤައުމަށް ލިބެންއޮންނަ ފައިދާއަށް ބަލައިގެން އަނެއް ޤައުމުން އަމަލު ކުރާތީކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޖަޒީރާ ޤައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުކާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ބޭހޭގޮތުނާއި އޭގެ ސަބަބުން ކުދި ޤައުމުތަކަށްކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕްގައި ބައިވެރިވެލެއްވި ފަރާތްތަކުން ދެއްވި ޚިޔާލު ތަކާއި އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އެކުލަވާލާ ތައްޔާރު ކުރެވޭ ކަރުދާހެއް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައި ޢާންމުރައްޔިތުން ހޭލުންތެރި ކުރުމުގެ ޙާރަކާތްތަކެއް ކުރިއަށް ގެންދަންވެސް ވަނީ ހަމަޖެހިފައެވެ.