"ކޮބާ ސާފު"ގެ ނަމުގައި ރާއްޖެ ސާފުކުރުމަށް ޒުވާނުން ނިކުމެއްޖެއެވެ. ކޮބާ ސާފު ކެމްޕޭނުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސާފުކުރުމުގެ މަސައްކަތް ޒުވާނުންވަނީ ފަށާފައެވެ. މޯލްޑިވްސް ޔޫތުން އިސްނަގައިގެން ފެށި ސާފުކުރުމުގެ ކެމްޕޭންގެ ސަބަބުންވަނީ ރަށް ސާފުކުރުމުގެ ޖޯޝު ޒުވާނުންގެ ތެރޭގައި އާލާވެފައިކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ޔޫތްގެ ރައީސް ހަސަން ޝަހީދު ވިދާޅުވީ "ކޮބާ ސާފު" ކެމްޕޭނު ފެށުނީ ވަރަށް ކުޑަ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މި ޙަރަކާތަކީ ހަޑިވެފައި ނުވަތަ ކުނި އަޅާފައިވާތަނެއް ސާފުކުރުމަށް ރަޙުމަތްތެރިންނާއި ރަޙުމަތްތެރިންގެ މެދުގައި ޗެލެންޖުކޮށްގެން ވަރަށް އާދައިގެ ގޮތަކަށް ފޭސްބުކާއި އިންސްޓަގްރާމްގައި ފެށި ކަމެއްކަމަށެވެ. "ކޮބާ ސާފު ހޭޝް ޓެގް" ބޭނުންކޮށްގެން ފެށި މި ޙަރަކާތް މިވަނީ މިހާރު ވަރަށްބޮޑަށް ފުޅާވެފައެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި "ކޮބާ ސާފު" ކެމްޕޭން ވައިރަލްވެފައިވާއިރު މޯލްޑިވްސް ޔޫތުންވަނީ މިދިޔަ ހުކުރުދުވަހު ސާފުކުރުމުގެ ބޮޑު ޙަރަކާތެއްވެސް ބާއްވާފައެވެ.
މި ޙަރަކާތުގެ ބައެއް ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެފައިވާކަން މޯލްޑިވްސް ޔޫތުން ސޯޝަލް މީޑިއާގައި އެނގުމާއެކު ރާއްޖޭގެ ގިނަ ރަށްރަށުން މި އިވެންޓު ކުރިއަށް ދާވަގުތު އެރަށްރަށުގައިވެސް ސާފުކުރުމުގެ މަސައްކަތް ފެށުމުގެ ޝަޢުގުވެރިކަން ފާޅުކޮށް ހުކުރު ދުވަހުގެ ޙަރަކާތުގައި ބައިވެރިވެފައިވާކަން މޯލްޑިވްސް ޔޫތްގެ ރައީސް ހަސަން ޝަހީދު ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ ޒުވާނުން އަމިއްލަ ރަށާއި ކައިރި ސަރަޙައްދުގައި ހުރި ފިނޮޅުތައް ސާފުކުރުމުގެ ޝަޢުގުވެރިކަން ފާޅުކުރުމުން އެނގިގެންދަނީ ދިވެހި ޒުވާނުން ތިބީ ކުނިން ސަލާމަތްވާ ބޭނުންވެފައިކަމެވެ. އަދި މީގެން އެނގިގެންދަނީ ކުންޏާމެދު ޒުވާނުން ހޭލުންތެރިވެފައިވާ މިންވަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ހަސަން ޝަހީދު ވިދާޅުވީ މި ކެމްޕޭނުގައި ރަށްރަށުން ބައިވެރިވެފައިވަނީ އެޖަމްޢިއްޔާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީގެން ނޫންކަމަށާއި ކޮންމެ ރަށަކުންވެސް ޒުވާނުންތަކެއް އިސްނަގައިގެން އަމިއްލައަށް "ކޮބާ ސާފު" މި ހޭޝްޓެގް ބޭނުންކޮށްގެން ސާފުކޮށް ފޮޓޯ އަޕްލޯޑުކުރަމުން ގޮސްފައިވާކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް މޯލްޑިވްސް ޔޫތުން ބޭއްވި ސާފުކުރުމުގެ ބޮޑު ޙަރަކާތުގައި ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭ ސާފުކޮށްފައިވާއިރު މިޙަރަކާތްކުރިއަށް ދިޔަ ވަގުތު ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށް ސާފުކޮށްފައިވާއިރު 10 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް އެއްކުރެވިފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
މިއަހަރަކީ މުޅި ރާއްޖޭގައިވެސް ކުންޏާއި ޕްލާސްޓިކާ ދެކޮޅަށް ސަރުކާރާއި ޢާއްމުން ގުޅިގެން މަސައްކަތްކުރަމުންދާ އަހަރެކެވެ. އެގޮތުން މިހާރު ސަރުކާރުގެ މުއައްސަސާތަކުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.