ޚަބަރު

ޖަމާޢަތުގެ ފައިދާއަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީ ހޯދުމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ރަށްރަށުގައި ޖަމާޢަތުގެ ފައިދާއަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީ ހޯދުމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖަމާއަތުގެ ފައިދާއަށްޓަކައި ރަށު ކައުންސިލް އިދާރާތަކުގެ ޙިއްޞާ އޮންނަ ގޮތަށް ހިންގާ ތަރައްޤީޤެ މަޝްރޫޢުތަކަށް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށްވެސް އެދޭވޭނީ އަހަރަކު އެއް މަޝްރޫޢުއަށް އެހީ ހޯދުމަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ހުށައަޅާ މަޝްރޫޢުތަކަށް ތިންލައްކަ ރުފިޔާއާއި ހަމައަށް އެހީ ދިނުމަށް ހޯމް މިިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ކައުންސިލްތަކުން އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެ މަޝްރޫޢުތަކުގެ ތެރޭގައި ގަބުރުސްތާނު ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކުރުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ މަޝްރޫޢުތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހޯމް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ޕްރޮޕޯޯސަލްތަކަށް މާރކްސް ދިނުމުގައި އެންމެ ބޮޑަށް ބަލާނީ މަޝްރޫޢުގެ ބޭނުމާއި، މަޤްޞަދާއި މަޝްރޫޢުން ހާޞިލް ކުރެވޭނެ ނަތީޖާއަށް ކަމަށެވެ. އަދި މަޝްރޫޢު ނިމުމަށްފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ޙިއްޞާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުގެ ބޭނުންތެރިކަން ހުރި މިންވަރަށްވެސް މާރކްސް ދިނުމުގައި ބަލާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކައުންސިލްތަކަށް މާލީ އެހީތެރިކަން ދެނީ އެކަންކަމަށް ބެލުމަށްފަހު އެންމެ ރަނގަޅު މާރކްސް ހޯދާ ޕްރޮޕޯޒަލްތަކަށް އެކަނި ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މަޝްރޫޢުތަކަށް ފައިސާ ދިނުމުގެ އުޞޫލާއި ޕްރޮޕޯސަލް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިހާރު ވާނީ ރަށު ކައުންސިލްތަކަށް ފޮނުވާފައެވެ.