ޚަބަރު

ވާދޫއިން ރުއް ގެންދަނީ ހުއްދަ ހޯދައިގެން - ވާދޫ ކައުންސިލް


އަލަށް ހަދަމުން އަންނަ ރިސޯޓަކަށް ރ. އަތޮޅު ވާދޫއިން ރުއް ބޭރުކުރަނީ ޤާނޫނީގޮތުން ހޯދަންޖެހޭ ހުއްދަ ހޯދައިގެންކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވީ ވާދޫއިން ރުއް ބޭރުކުރަނީ ޤާނޫނާ ގަވާޢިދާ ޚިލާފަށް ނޫންކަމަށާއި އެކަން ކުރަނީ އީޕީއޭއާއި ހައުސިންގ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ރުއްތައް ނަގާފައިވަނީ ރަށުގައި ގޯތި ދޫކުރުމަށާއި މަގުތައް ހެދުމަށް ކޮންމެހެން ހުސްކުރަން ޖެހޭ ސަރަޙައްދަތުކުން އެކަނިކަމަށެވެ. އަދި އެރަށުން 100 ރުއް ނެގުމުގެ ހުއްދަ އީޕީއޭއިން އެރަށު ކައުންސިލަށް ދީފައިވީނަމަވެސް އެކައުންސިލުން އެޢަދަދަށް ރުއް ނެގުމަށް ވިސްނާފައިނުވާކަމަށްވެސް ރ.ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިންވެސް ވަނީ ވާދޫ ކައުންސިލަށް ރުއް ނެގުމުގެ ހުއްދަ ދީފައިވާކަން ހާމަކުރައްވާފައެވެ.

ވާދޫގައި ރުއް އިންދުމުގެ މަސައްކަތް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާކަމަށާއި މިހާރުވެސް އިތުރު ރުއް އިންދުމަށް ރާވާފައިވާކަމަށް ވާދޫ ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ.