ކުލަބު ވެލެންސިއާގެ 12 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު މެލޭޝިއާއަށް ފުރައިފިއެވެ.
މި ޓީމު މެލޭޝިއާއަށް ފުރީ އެ ގައުމުގައި އަންނަ އާދިއްތަ ދުވަހު ފަށާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވުމަށެވެ.
ކުޅުންތެރިންނާއެކު އިސްކޮށް މި ޓީމުގައި ވަޑައިގެންނެވީ ވެލެންސިއާގެ އެކެޑަމީގައި އިސްކޮށް ހަރަކާތްތެރިވާ ދެ ކޯޗުން ކަމަށްވާ ހީނާ އަޙްމަދު ސަލީމާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. މީގެ އިތުރުން ޓީމާއެކު އެކެޑަމީގެ ދެ ކޯޗުން ކަމަށްވާ ކުރީގެ ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި އަބްދުﷲ މުފީދު ވެސް ވަޑައިގެންނެވި އެވެ.
އާރުއެސްސީ ޖޫނިއަރ ފުޓްބޯޅަ މުބާރާތަކީ މީގެ 20 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި އޭޝިޔާގެ ގިނަ ގައުމުތަކުން ކޮންމެ އަހަރަކު ވެސް ވާދަކުރެ އެވެ.
ވެލެންސިއާ ޓީމު ވަނީ ހުސްވި އަހަރު ތައިލެންޑްގައި ބޭއްވި އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. މި މުބާރާތުން ވެލެންސިއާގެ 11 އަހަރުން ދަށުގެ ޓީމު ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.