ޚަބަރު

އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް މާލެ ސަރަޙައްދުގައި އިތުރު 10 ސްކޫލެއް އަޅަނީ


މާލެ ސަރަޙައްދުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް އިތުރު 10 ސްކޫލް މާލެ، ހުޅުމާލެ، ވިލިނގިލި ހިމެނޭހެން އެޅުމަށް ގަސްތުކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރިއިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ މާލޭގެ ގިނަ ސްކޫލްތަކުގައި އެއް ދަންފަޅިއަށް ބަދަލުކުރުމަށް ވަސީލަތްތައް ޤާއިމުކުރާނެ ޖާގަ ނެތްކަމަށެވެ.

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް، ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހުށަހެޅުމަށް މިރޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ މާލޭ ސަރަޙައްދުގައި އިތުރު ސްކޫލްތައް އަޅަން ނިންމާފައިވަނީ ސްކޫލްތަކުގައި ކްލާސްރޫމްތައް އިތުރުކޮށް، އިތުރު ވަސީލަތްތައް ޤާއިމުކުރާނެ ޖާގަ ނެތުމުންކަމަށެވެ.

"މި ސްކޫލްތައް ފަރުމާކުރާނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި، އެއްދަންފަޅިއަށް ޚާއްސަ ސްކޫލްތައް ފަރުމާކުރާ ކޮންސެޕްޓަށް. މަސައްކަތް ކުރިއަށްގެންދާނީ ފަސް އަހަރަށް ބަހާލައިގެން" އެޑިއުކޭޝަން މިނިސްޓާރ ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ވަޢުދުގެތެރޭގައި ހިމަނައިގެން ސްކޫލްތަކުގައި އިތުރު އެހީގެ ނިޒާމުކުރާނެ ގޮތްތައް ވެސް ވަނީ އެކުލަވާލާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ މި ނިޒާމު ބަހާލާފައިވަނީ މަންހަޖުން ޙާސިލްވާން ބޭނުންވާ މިންވަރަށް ޙާސިލް ނުވާ ދަރިވަރުންނަށް ރިމީޑިއަލް ކްލާހާއި، ވަކި ގްރޭޑެއް އުނިނުކޮށް އެކްސްޓްރާ ކްލާސް ހިންގުމާއި، އެންމެ މޮޅެތި ކުދިންނަށް، އިތުރަށް އުނގެނުމުގެ ފުރުސަތު ދިނުމަށް އެންރިޗްމަންޓް ކްލާސް ކުރިއަށް ގެންދާގޮތަށްކަމަށެވެ.

"ރަސްމީ ގަޑީގައި މި ކްލާސްތައްވެސް ދާނި. ކުދިން ދެވަަނަފަހަރަށް އަންނާކަަށް ނުޖެހޭނެ ސްކޫލަށް. ސްޓަޑީ ކޭމްޕްތައްވެސް ކުރިއަށް ގެންދާނަން،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް، ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ދައްކާގޮތުން، އެއް ދަންފަޅިއަށް ބަދަލުނުކޮށް ހުރި ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ޖުމްލަ 288 ކްލާސްރޫމް އިތުރަށް ބޭނުންވެއެވެ. އޮޑިޓް ރިޕޯޓް ބުނާގޮތުން 10 ސްކޫލާއި، 47 ސައިންސް ލެބާއި، 28 ލައިބްރަރީއާއި، 42 އޯޑިއޯ ވިޝުއަލް ރޫމާއި، 22 ސްޓާފް ރޫމްގެ އިތުރުން، 57 ބަދިގެ ބޭނުންވޭއެވެ.

މިހާތަނަށް އެއް ދަންފަޅިއަށް ބަދަލުނުކޮށް ހުރި 62 ސްކޫލްގެ ތެރޭގައި، އެއްދަންފަޅިއަށް ބަދަލުކުރުމަށް 10 ކްލާސްރޫމަށްވުރެ އިތުރަށް ބޭނުންވާ 13 ސްކޫލް އެބަހުއްޓެވެ. އަދި 10 ކްލާސްރޫމަށްވުރެ މަދުން ބޭނުންވާ ހުރީ 37 ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ނެރެފައިވާ އޮޑިޓް ރިޕޯޓް ބުނާގޮތުން މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭހެން މި ސަރަޙައްދުގައި އެއްދަންފަޅިއަށް ކިޔަވައިދެވެން އަންނަނީ އިތުރު ސްކޫލްތައް ޤާއިމުކޮށްގެންނެނެވެ. މިނިސްޓްރީއިން ބުނެފައިވަނީ އެއްދަންފަޅިއަށް ކިޔަވައިދެވޭނީ 800އާއި 1000ދެމެދުގެ ދަރިވަރުން އުޅެމުންދާ ސްކޫލްތަކުގައި ކަމަށެވެ. ނަމަވެސް މާލޭގެ 13ސްކޫލެއްގައި މި އަދަދު 1500 ނުވަތަ 2000އާއި ގާތްކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރިއިން ބުނެއެވެ.

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަޤްސަދުތަކުގެތެރޭގައި، ކުދިންގެ ސްކޫލް ވަގުތުގައި ސްކޫލާއި ގުޅުންހުރި ހަރަކާތްތައް ނިންމުމާއި، ސްކޫލްގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ދިނުމާއި، އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަސޭހަކުރުމާއި، ހުރިހާ ދަރިވަރުންނާއި މުދައްރިސުން ބައްދަލުވެ ގުޅިގެން ކިޔެވުން ކުރިއަށްގެންދިޔުން ހިމެނެއެވެ.