ޚަބަރު

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ފެރީގެ ނިޒާމަކުން ގުޅާލައިފި


ގދ. ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީއާ ދެމެދު ފެރީގެ ދަތުރުތައް ފަށައިފިއެވެ. މިކަމަށްޓަކައި ގދ. ފަރެސްމާތޮޑާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ. މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ ދެކުނުގެ 4 އަތޮޅު ފެރީގެ ނިޒާމަކުން ގުޅުނީއެވެ.

ދެކުނުގެ އަތޮޅުތައް ފެރީގެ ނިޒާމަކުން ގުޅާލުމަކީ އެ އަތޮޅުތަކުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. ގދ. ފަރެސްމާތޮޑާއާއި އައްޑޫސިޓީއާ ދެމެދު ފެރީގެ ދަތުރުތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ފަރެސްމާތޮޑާއިން ފުވައްމުލަކަށް ފެރީގައި ދަތުރުކުރި ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނާއިބުރައީސް ފައިޞަލް ނަސީމް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް މަސައްކަތަކީ އެއް ރައްޔިތަކު އަނެއް ރައްޔިތަކާ ގުޅާލާއި، ގުޅުން ބަދަހިކުރުވުން ކަމަށެވެ. އަދި ފުވައްމުލަކާ ފަރެސްމާތޮޑާއާ ދެމެދު ޤާއިމުކުރި ފެރީގެ ނިޒާމަކީ މިފަދަ ގުޅުމެއް ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ނާއިބުރައިސް ވިދާޅުވީ ހުވަދުއަތޮޅަށް މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ ދެކުނުގެ ހުރިހާ އަތޮޅެއް ފެރީގެ ނިޒާމަކުން ގުޅުނީކަމަށެވެ. އަދި މިއީ އިޤްތިޞާދީގޮތުން މި 3 އަތޮޅަށްވެސް ފައިދާވާނެކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"
"މި ނިޒާމާއެކު 3 އަތޮޅުގަ (ހުވަދޫ، އައްޑޫ، ފުވައްމުލައް) ވަޒީފާ އަދާކުރާ ފަރާތްތަކާއި ދަނޑުވެރިން އަދި ގެސްޓް ހައުސް ވިޔަފާރިވެސް ފުޅާކުރެވޭނެ."
ރައީސުލްޖުމްހުރިއްޔާގެ ނާއިބު

އެމްޕީއެލުން ގެންދަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ދެމެދު ފެރީގެ ޚިދުމަތް ދެމުންނެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ހުވަދޫ އަތޮޅަށްވެސް ފެރީގެ ޚިދުމަތް ފެށުމަކީ އެއަތޮޅުގެ ރައްޔިތުން ވަރަށްބޮޑަށް އެދެމުންދިޔަ ކަމެއްކަމަށެވެ. އެގޮތުން ލޯންޗު ފެރީގެ ޚިދުމަތް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ފުވައްމުލައް ސިޓީއާއި ފަރެސްމާތޮޑާއާއި ދެމެދު ކުރާ ފެރީ ދަތުރުތަކަށް 1 ގަޑި އިރު ނަގާއިރު، ދަތުރުގެ އަގަކީ ކޮޅަކަށް 350 ރުފިޔާކަމަށް އެމްޕީއެލްއިން ބުނެއެވެ.

"ޑިމާންޑަށް ބަލާފައި ދަތުރުތައް އިތުރުކުރާނަން އަދި ކޮމެންޓަށް ބަލާ ގަޑިތަކަށް ބަދަލުގެންނަން ޖެހެންޏާ އެއަށް ބަދަލުގެންނާނަން." އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ފަރެސްމާތޮޑާ ކައުންސިލުންވަނީ އެރަށު އެއަރޕޯޓުގެ މަސައްކަތް ލަސްވަމުންދާތީ އެކަން ފާހަގަކޮށްފައެވެ. އަދި އެރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.