ޚަބަރު

ތެލަސީމިއާއާއި ކެންސަރު މަދުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މިއަހަރު ކުރާނަން - ރައީސް


ރާއްޖޭއިން ސަރވިކަލް ކެންސަރާއި، ތެލެސީމިއާ މަދުކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލެސީމިއާ ބަލި އިތުރުވުމަކީ ސިއްޙީ ދާއިރާއަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްކަމަށެވެ.

2019 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވީ އަންހެނުންނަށް ޖެހޭ ސަރވިކަލް ކެންސަރ އިތުރުވަމުން އަންނައިރު އެކަމަށް އެކަށީގެންވާ އަވަސް ޙައްލެއް ހޯދަންޖެހިފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އުމުރުން 9 އަހަރާއި 13 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ތަޢާރަފުކޮށް ދޭންފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"
"ރާއްޖޭގައި އިތުތުވަމުން އަންނަ ސަވައިކަލް ކެންސަރ ބަލި ޖެހޭ އަންހެނުންގެ ޢަދަދު މަދުކުރުމަށްޓަކައި 9 އަހަރާއި 13 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް، އެޗްޕީވީ ވެކްސިން މިއަހަރުގެ ތެރޭގައި ދޭންފެށޭނެ. އަދި އަޅުގަނޑުމެން ވަޢުދުވެފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓަރޝިއަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިއަންނަނީ ކުރަމުން."
ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ސިއްޙީ ދާއިރައަށް ބޮޑު އިސްކަމެއް ދެއްވާފައިވާއިރު ސަރވިކަލް ކެންސަރަށް ވެކްސިންދޭން ފެށުމަކީ 100 ދުވަހުގެ ވަޢުދެކެވެ. ސަރވިކަލް ކެންސަރަކީ ވެކްސިންގެ އެހީގައި ރައްކާތެރިކަން ހޯދިދާނެ ބައްޔެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ޢަދަދު ރާއްޖޭގައި އިތުރުވަމުންދާދިއުމަކީ ސިއްޙީ ދާއިރާއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ.

"ތެލަސީމިއާ ކުދިންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރީޓިން" ޓެސްޓު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ."

ރާއްޖޭގެ ތެލަސީމިއާ ދަފުތަރުގައި 900 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. ތެލަސީމިއާ ބަލި ރާއްޖެއިން މަދުކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހެލްތް މިނިސްޓްރީން ގެންދަނީ ހިންގަމުންނެވެ.