ޚަބަރު

ރާއްޖޭގައި ކުޑަކުދިންގެ މެދުގައި ކެންސަރު ޖެހުމުގެ އަލާމަތްތައް ކަންބޮޑުވާ މިންވަރަށް ޢާއްމުވަނީ


އަނގައިގެ ކެންސަރަކީ ރާއްޖޭގައި އެންމެ ޢާއްމުވަމުން އަންނަ ކެންސަރުގެ ބާވަތްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިންވެސް އެންމެ ކަންބޮޑުވާ އެއްމައްސަލައަކީ ކެންސަރަށް މަގުފަހިވާ އަލާމާތްތައް ކުޑަކުދިންގެ ގައިން ފެންނަ މިންވަރު އިތުރުވަމުން ދިޔުމެވެ.

ކެންސަރު ބަލީގެ ދުވަސް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރަމުންދާއިރު، މުޅި ދުނިޔޭގައިވެސް މި ބަލި ދަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައިވެސް ކެންސަރު ޖެހޭ މީހުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި އެންމެ ޢާއްމުވަމުން އަންނަ ކެންސަރުގެ ބާވަތަކީ އަނގައިގެ ކެންސަރެވެ.

ދިވެހިންގެ އާންމު ދިރިއުޅުމަށް ބަލާއިރު އަނގައިގެ ކެންސަރަށް މަގުފަހިވާ ގިނަ އާދަތަކެއް ދިވެހިން ގެންގުޅޭކަން ޑޮކްޓަރުން ފާހަގަކުރެއެވެ. އެގޮތުން ދުންފަތާއި ހުނި ބޭނުންކޮށްގެން ދުފުމާއި ނުރައްކާވާ މިންވަރަށް ސުޕާރީ ކެއުމާއި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ކެންސަރަށް މަގުފަހިވާ އެތައް އާދަތަކެއް ދިވެހިންގެ ތެރޭގައި އާންމުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކެންސަރު ބަލީގެ އޮޕަރޭޝަންތަކަށް ޚާއްސަ ދިވެހި ޑޮކްޓަރެއްކަމަށްވާ، ޑރ. މުޙައްމަދު ޝިފާން ވިދާޅުވީ އަނގައިގެ ކެންސަރު ދިވެހިންގެ ތެރޭގައި ޢާއްމުވަމުން އަންނައިރު އެންމެ ކަންބޮޑުވާ އެއްކަމަކީ ޑޮކްޓަރަށް ދައްކަން އަންނަ ކުޑަކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ކެންސަރަށް ޕޮޒިޓިވް ވުމުގެ މަރުޙަލާތަކުގެ ތެރެއިން ނުރައްކާ ހިސާބުގައި ތިބޭ ކުދިންނަށް ވުމެވެ.

މީގެއިތުރުން ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ސުޕާރީފަދަ ތަކެތި ކަންބޮޑުވާން ޖެހޭ މިންވަރަކަށް އާންމުވެފައިވާކަންވެސް ޑރ. ޝިފާން ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންގެ މެދުގައި މިފަދަ އާދަތައް އާންމުވެ ކެންސަރުފަދަ ނުރައްކާތެރި ބަލިތައް އާންމުވުމުގެ ކުރިން އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެނަމަ ރާއްޖޭގެ މުސްތަޤްބަލުގެ ޖީލަށް މިކަމުގެ ނޭދެވޭ އަސަރު ކުރުމަކީ ގާތް ކަމެއް ކަމަށްވެސް ޑރ. ޝިފާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި، އައިޖީއެމްއެޗްގައި ކެންސަރު ބައްޔަށް ދެވޭ ބައެއް ފަރުވާތަކާއި ސަރޖަރީތައް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ކޮންމެ ހަފްތާއަކުވެސް އެވްރެޖުކޮށް 5 ސަރޖަރީ ހަދާކަމަށާ، މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްކަން ޑރ. ޝިފާން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ތަފްސީލް އެކަށީގެންވާ ގޮތެއްގައި ރައްކާކުރެވެމުން ނުދާކަންވެސް ޑރ. ޝިފާން ފާހަގަކުރެއްވިއެވެ.

އަޑު:"އަޅުގަނޑުމެންގެ ރާއްޖޭގަ އަޅުގަނޑުމެނަށް ފެނިފައެބަހުރި، ވަރަށް ޅަކުދިން 9 އަހަރާއި 12 އަހަރާއި ދޭތެރޭގެ ކުދިން އެބަތިބި ކެންސަރ ޖެހުމުގެ އެއް މަރުޙަލާ ތަންކޮޅެއް ކުރިން ފެނިފަ. އަނގައިގެ އެތެރޭގެ ކޮލުގެ މަސްގަނޑާއެކޮށް ހިމެނިފަ އެއްގޮތަކަށްވެސް ފަސޭހަ ނުކުރެވޭ ހިސާބަށް މިދިޔައީ، މިއީކީ ކެންސަރ ޖެހުމުގެ އެއް ސްޓޭޖް ކުރި. ވަރަށް ތުއްތު ކުދިން ރާއްޖޭގައި އަޅުގަނޑުމެނަށް ފެނޭ، އޭގެ މާނައަކީ އެތައް ޒަމާނަކުއްސުރެ ސުޕާރީ ބޭނުންކުރަމުން ދިޔަކަން މިފެންނަނީ."

އަނގައިގެ ކެންސަރުގެ އިތުރުންވެސް ރާއްޖޭގައި ކެންސަރުގެ އިތުރު ބަލިތައް ދަނީ ޢާއްމުވަމުންނެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފިރިހެނުންގެ މެދުގައި އެންމެ ޢާއްމު ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރު ނުވަތަ ފިރިހެނުންގެ ކުޑަކަމުދާ ނިޒާމުގެ ބަޔަކަށް ޖެހޭ ކެންސަރާއި ބަނޑުގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރު ހިމެނެއެވެ. އަދި އަންހެނުންގެ ތެރޭގައި އާންމުވަމުންދާ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ތައިރޮއިޑް ކެންސަރާއި ބަނޑުގެ ކެންސަރާއި ލޭގެ ކެންސަރުގެ އިތުރުން ރަޙިމުގެ ދޮރަށް ޖެހޭ ކެންސަރު ހިމެނެއެވެ.

ކެންސަރާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަމުން އަންނައިރު މުޅި ދުނިޔޭގައިވެސް ކެންސަރު ޖެހިގެން މަރުވާ މީހުންގެ ނިސްބަތްދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 9.6 މިލިއަން މީހުން ކެންސަރު ބަލީގައި މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިބައްޔަކީ މުޅި ދުނިޔޭގައިވެސް ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔެވެ.

ކެންސަރަކީ ފުރާނައަށް ނުރައްކާވާ ބައްޔަކަށްވާއިރު މިބަލިން ސަލާމަތްވުމަށް ދުރާލާ މެޑިކަލް ޗެކަޕް ހެދުމާއި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.