ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީއަށް އިންޑިއާގެ ނޫފޫޒެއް ނޯންނާނެ - އެކްޓިންގް ކޮމިޝަނަރ


އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީއަށް އިންޑިއާގެ ނުފޫޒު އޮތްކަމަށްދެކެވޭ ވާހަކައަކީ، ކުށްހީއެއްކަމަށާ، އެފަދަ އެއްވެސް ނުފޫޒެއް ނެތްކަމަށް އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީއާއި ފުވައްމުލައްސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫސިޓީއަށް ވަޑައިގެން، ސިޓީ ކައުންސިލާވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އައްޑޫސިޓީ ކައުންސިލުންވަނީ އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، އެކްޓިންގް ކޮމިޝަނަރ ހަމީދަށް ދަންނަވާފައެވެ.

އެކްޓިންގް ކޮމިޝަނަރ ވިދާޅުވީ، އައްޑޫ ޕޮލިސް އެކަޑަމީއަށް އިންޑިއާގެ ނޫފޫޒު ފޯރާނެކަމަށްބުނެ ދެކެވޭ ވާހަކައަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށާ، އެއީ ބަޔަކަށް ހީވެފައިވާ ކުށްހީއެއްކަމަށެވެ. ޕޮލިސް އެކަޑަމީ ހަދާ ތަނަކީ ބިމުގެ ގޮތުން ބޮޑު ސަރަޙައްދަކަށްވުމުން ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތްކުރާ އެހެން އިދާރާތަކަށްވެސް އެބިމުގެ ބޭނުންހިފުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސް ޞާލިޙަށް މަޝްވަރާ އަރުވާފައިވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.