ޚަބަރު

ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް އައްޑޫގައި ފާހަގަކޮށްފި


ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް އައްޑޫސިޓީގައި ފާހަގަކޮށްފިއެވެ.

އައްޑޫ ނޭޗާރ ޕާރކުގައި ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި 9 އަހަރާއި 12 އަހަރާއި ދެމެދުގެ 40 ކުދިން ވަނީ ބައިވެރިވެފައެވެ. "ވެޓްލޭންޑް ފެއަރ 2019" ގެ ނަމުގައި އިއްޔެ ކުރިއަށްގެންދިޔަ މިހަރަކާތުގައި ނޭޗާރ ޕާރކާއި ޗަސްބިންތަކާ ބެހޭ މައުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ. މިހަރަކާތުގައި ބައިވެރިވިކުދިން ބުނީ މި ހަރަކާތުގެ ސަބަބުން ވަރަށްގިނަ ކަންކަން ދަސްވިކަމަށެވެ.

މިހަރާކާތުގެ ތެރެއިން ކުރެހުމުގެ މުބާރާތަކާއި، ކުއިޒެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިމުބާރާތްތަކުން ވަނަ ވަނައަށް ހޮވުނު ކުދިންނަށް ވަނީ ނޭޗަރ ޕާރކްގެ ވައުޗަރ ދީފައެވެ. މިމުބާރާތުގައި ކުރަހާފައިވަނީ މިއަހަރުގެ ޗަސްބިމުގެ ދުވަހުގެ ޝިޢާރު ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި ޗަސްބިމާ ގުޅޭ މަންޒަރުތަކެވެ. އަދި މި މުބާރާތުން ވަނަވަނައަށް ހޮވުނު ކުދިންގެ ކުރެހުންތައް 1 އަހަރު ދުވަހުގެ މުއްދަތަށް ނޭޗަރ ޕާރކުގައި އެގްޒިބިޓް ކުރުމަށް ހަމަޖެހިފައިވާކަމަށް ނޭޗަރ ޕާރކުން މައުލޫމާތުދެއެވެ.

މިހަރަކާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޞީރާއި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤެވެ. މިރަސްމިއްޔާތުގެ ތެރެއިން ވަނީ އައްޑޫ ނޭޗާރ ޕާރކުގެ ލަވަވެސް ލޯންޗު ކޮށްފައެވެ.

ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 2 ވަނަ ދުވަހުގައެވެ. މިދުވަސް ފާހަގަކުރަން ފެށުނީ 1971 ވަނަ އަހަރު އިރާނުގެ ރަށެއް ކަމަށްވާ ރަމްސާގައި ގައި ދުނިޔޭގެ ޗަސްބިންތައް ހިމާޔާތް ކުރުމަށް ރަމްސާ ކޮންވެޝަނުގައި ސޮއި ކުރުމާއި އެކުގައެވެ.