ލޯކަލް މާރުކޭޓު ސަރަޙައްދުގައި މީހުން ސަލާންޖަހަންތިބޭ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ލޯކަލް މާރުކޭޓު ސަރަޙައްދުގައި ސަލާންޖަހަން ތިބޭ މީހުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ.
ލޯކަލް މާރުކޭޓު ސަރަޙައްދުގައި ސަލާންޖަހަން ތިބޭ މީހުންނާ ބައްދަލުކުރެއްވުމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވަޑައިގަތުމުން އެސަރަޙައްދުތަކުގައި ތިބި މީހުންވަނީ އެމީހުންގެ ޙާލަތުހުރިގޮތާއި ދިރިއުޅުމުގެ ޒަރޫރީކަންކަމުގައި ދިމާވެފއިވާ ދަތިތައް މިނިސްޓަރަށް ކިޔައިދީފައެވެ. އެގޮތުން މިފަރާތްތަކަށް ވަޒީފާ ލިބުމުގައިހުރި ދަތިތައް ފާހަގަކޮށްފައިވާއިރު ވަޒީފާ ލިބޭނަމަ ވަޒީފާ އަދާކުރަން އެމީހުންބޭނުންވާކަމަށްވެސް މީގެ ތެރެއެއިން ބައެއް މީހުންވަނީ ބުނެފައެވެ.
މީގެ އިތުރުން ޢާއިލާގެ ފަރާތުން އަޅާލުން ނުލިބޭ މީހުންނާއި ނުކުޅެދުންތެރިކަން ހުރި ކުދިން ބަލަމުންދާ މީހުންވެސް މިސަރަޙައްދުގައި ސަލާންޖަހަން އުޅެއެވެ.
މި މީހުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ވަނީ އެމީހުނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެވިފައިވާކަމަށާއި އެމައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއް ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މީހުން ސަލާންޖަހަން ތިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ
"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ހިލޭ ބޭސް ފަރުވާކޮށްދިނުމާއި ސަރުކާރުން ސޯޝަލް ޕްރޮޓެކްޝަން އެކި ސްކީމްތައް ހުޅުވާލެވިފައި އެފުރުޞަތު ރައްޔިތުންނަށް ހުޅުވާލެވިފައި އޮތް އިރުވެސް އިތުރަށް ކޮންތައްތަކެއްތޯ އަޅުގަނޑުމެނަށް ނުވެ މިހުރީ، އަދި އެކަންކަން ފާހަގަކުރަން. އަޅުގަނޑުމެނަށް ފާހަގަކުރެވޭ އާސަންދަގެ ތެރެއެިން ކަވަރނުކުރެވޭ ހާލަތްތަކުގައި މީހުން އެބަތިބޭ އެގޮތަށް ޢާއްމު ބަހުރުވައިން ބުނާނަމަ ސަލާން ޖަހަން ނުވަތަ ފައިސާ ހޯދުމަށްޓަކާ އެގޮތަށް މަޑުކޮށްލައިގެން." މިނިސްޓަރ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައިވެސް މިފަދަ ޙާލަތުގައި ތިބިމީހުންގެ މަޢުލޫމާތު އެއްކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސޯޝަލް ސްކީމްތަކާބެހޭގޮތުން ގިނަ ރައްޔިތުންނާއި އެންމެ އެކަށީގެންވާ މަޢުލޫމާތު ލިބިފައި ނުހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.