ޚަބަރު

އިހަވަންދޫ ބިންހިއްކުމަށް ސަރވޭ ކުރަން ފަށައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހއ. އިހަވަންދޫ ބިން ހިއްކުރުމުގެ މަޝްރޫޢުގެ ސަރވޭ މަސައްކަތް ފަށައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓްގެ ޓީމެއް އެރަށަށް ގޮސް ބިން ހިއްކުމާގުޅޭ ސަރވޭއެއް ހަދާފައިވާކަމަށާއި، ސަރވޭއަށް ފަހު އެޓީމުން އިހަވަންދޫ ކައުންސިލާ ބައްދަލުކޮށް ބިންހިއްކާނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. މި ބައްދަލުވުމުގައި އެރަށު ބިންހިއްކުމަށް ކައުންސިލުން ބޭނުންވާގޮތް ހައުސިންގ މިނިސްޓްރީގެ ޓީމާ ޙިއްޞާކޮށްފައިވާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢޫ ކުރިއަށްގެންދިއުމަށްޓަކައި ފުރަތަމަ ސަރވޭ ކޮށްފައިވަނީ ބިން ހިއްކިދާނެ ތަނެއް ދެނެގަތުމަށް ކަމަށާއި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިތުރު ސަރވޭތައް ހެދުމަށް ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

ހއ. އިހަވަންދޫގައި ތިން ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، އެރަށުގައި ބިމުގެ ދަތިކަން ކުރިމަތިވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެގޮތުން 100 ގޯޗަށް އެދި ހުޅުވާލި ފުރުސަތުގައި 401 ފަރާތަކުން ގޯތި ބޭނުންވެގެން ހުށަހަޅާފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން އިހަވަންދޫގައި ފުޅާދާއިރާއެއްގައި ކުރަމުންދާ ފައިބަރު ދޯނި ބަނުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް ރަށުގައި ބިންކުޑަވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.