ޚަބަރު

މެލޭޝިއާގެ ޔުނިވަރސިޓީތަކުގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ތިނަދޫގައި އެކްސްޕޯއެއް ބާއްވައިފި


މެލޭޝިއާގެ ބައެއް ޔުނިވަރސިޓީތަކުގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ގދ. ތިނަދޫގައި ޚާއްސަ އެކްސްޕޯއެއް ބާއްވައިފިއެވެ.

މެލޭޝިއާގެ "ކިއު ސްޓަޑީ" ކުންފުނިން އިންތިޒާމުކޮށްގެން "އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ"ގެ ނަމުގައި މިއަދު ތިނަދޫގައި ބޭއްވި އެއް ދުވަހުގެ މި އެކްސްޕޯގައި މެލޭޝިއާގެ 7 ޔުނިވަރސިޓީއެއްގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކޯސްތަކަށް ވަދެވޭ ތަޢުލީމީ ފެންވަރާއި، އެ ޔުނިވަސިޓީތަކުގައި ކިޔެވުމަށް ޚަރަދުވާނެ މިންވަރު ފަދަ މަޢުލޫމާތު ދަރިވަރުންނާ ވަނީ ހިއްސާކޮށްފައެވެ.

ކިއު ސްޓަޑީ ގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އެކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އެންޑް މާކެޓިން، ވިވޭކަންޑަން ވިދާޅުވީ، އެ އެކްސްޕޯ މެދުވެރިކޮށް އެދަރިވަރެއްގެ ތައުލީމީ ފެންވަރު ހުރި މިންވަރު ބެލުމަށްފަހު އެ ފެންވަރާ އެންމެ އެކަށީގެންވާ ކޯސްތަކާ ބެހޭ މައުލުމާތު ހިއްސާ ކުރެވިގެންދާނެ ކަމަށެވެ. އަދި އެކްސްޕޯ ނިމުނު ނަމަވެސް އެކްސްޕޯގައި ބައިވެރިވާ ޔުނިވާސިޓީތަކުގެ ކޯސްތަކަށް އެދި ހުށަހަޅަން ބޭނުންނަމަ ނަމަ ރާއްޖޭގައި ހުންނަ އެކުންފުނީގެ ފޯކަލް ޕޮއިންޓު މެދުވެރިކޮށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ކިއުސްޓަޑީގެ ރާއްޖޭގައި ހުންނަ ފޯކަލް ޕޮއިންޓް އަދި މެނޭޖިން ޕާޓްނަރ، އަޙްމަދު ޒައިން ނާޒިމް ވިދާޅުވީ އެ އިވެންޓަކީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިވެންޓު ކަމަށާއި، އެ އިވެންޓުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެކްސްޕޯ ބާއްވަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މާލެއާއި ތިނަދޫގައި މި އެކްސްޕޯ ބާއްވާފައިވާ އިރު މާދަމާ އައްޑޫ ސިޓީގައިވެސް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ޔުނިވަސިޓީ ތަކުން ސްކޮލަޝިޕްވެސް އޮފަރ ކުރާނެ ރިޒަލްޓަށް ބެލުމަށްފަހު. މި އެކްސްޕޯގަ 7 ޔުނިވަސިޓީއަކުން ބައިވެރި އެބަވޭ. އޭގެ ތެރޭގަ ބިޒްނަސް، މެޑިސިން، އިންޖިނޭރިން، ހަލާލް މެނޭޖްމަންޓް، އެއީ ދެން ރާއްޖެއަށް މުޅިން އާ ދާއިރާއެއް. އަޅުގަނޑުމެންގެ އިވެންޓު އޮންނާނެ މާދަމާ އައްޑޫގަވެސް. މާލޭގަ އިއްޔެގަ ނިމިއްޖެ. މި ޔުނިވަސިޓީތަކުގެ ކޯސްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ނުވަތަ ކޯހަށް އެޕްލައި ކުރުމަށް އަޅުގަނޑާ ގުޅުއްވައިގެން އެކަން ކުރިއަށް ދެވޭނެ،" ޒައިން ވިދާޅުވިއެވެ.

ތިނަދޫގައި މިއަދު ބޭއްވި އެ އެކްސްޕޯއަކީ އެ ރަށުގައި ބޭއްވިގެން ދިޔަ އެފަދަ ބައިނަލް އަގުވާމީ ފުރަމަ އެކްސްޕޯއެވެ. އެ އެކްސްޕޯއަށް ރަނގަޅު ތަރުހީބެއް ލިބިފައިވާއިރު، އަންދާޒާ ކުރި މިންވަރަށްވުރެ ލިބުނު ތަރުހީބު ބޮޑު ކަމަށް އެކްސްޕޯ އިންތިޒާމުކުރި ފަރާތުން ބުނެއެވެ.