ޚަބަރު

ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން 7 ޕަންޕް ސްޓޭޝަން ބަހައްޓަނީ


ހައްލުނުވެ އޮތް ގދ. ތިނަދޫ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި 7 ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ތިނަދޫ ކައުންސިލުން ހާމަކޮށްފިއެވެ. ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް މިއަހަރުގެ ބަޖެޓްގައި ސަރުކާރުން ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަ ގދ. ތިނަދޫއަކީ ވިއްސާރަ މޫސުމުގައި އެންމެ ބޮޑަށް ފެންބޮޑުވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ތިނަދޫ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ކުރިމަތިވަމުން އަންނަތާ މިހާރު 10 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު މިމައްސަލައަށް އަދިވެސް ދާއިމީ ޙައްލެއްވަނީ ނުލިބިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަސްއަދު ވިދާޅުވީ ތިނަދޫގައި ފެން ބޮޑުވުމުގެ މައްސަލަ ބޮޑަށް ދިމާވާން ފަށާފައިވަނީ އެރަށުގެ އެކި ހިސާބުތަކުން ބިންހިއްކުމާ ގުޅިގެންކަމަށެވެ. ބިން ހިއްކާފައިވާގޮތުން ބިމުގެ ލެވެލް އެކި ހިސާބުތަކުގައި އުސްވެފައި އަނެއްބައި ހިސާބުތަކުގައި ތިރިވުމަކީ މިމައްސަލަ ދިމާވާ އެއްސަބަބު ކަމަށާއި، މެދުނުކެނޑި 15 މިނެޓް ވާރޭ ވެހިއްޖެނަމަ ތިނަދޫ މަގުތަކުގައި ފެން ބޮޑުވާކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މި މަހުގެ ތެރޭގައި މަސައްކަތް ބަޔަކާ ހަވާލުކުރަން ހުޅުވާލާނެކަމަށް މިނިސްޓްރީން އެބައިން އަންގާފަ. ދެން ތިނަދޫއަކީ ކިރިޔާ ވާރޭ ކޮޅެއް ވެހިލާއިރަށް ތިނަދޫގަ ފެންބޮޑުވެގެން މިކަމުގެ ތެރޭގަ އުޅެން ޖެހިފައިވާތާ މިހާރު ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ތިނަދޫ ރައްޔިތުން. މީގެ ކުރިން ރަށަށް ގެނައި ތަރައްގީގެ ތެރެއިން ރަށުގެ އެކި ހިސާބުތައް ހިއްކާފައިވުމުން ރަށުގެ ބިމުގެ ލެވެލް އެކި ހިސާބުތަކުގައި އުސްވެފައި، ވަކި ހިސާބުތަކެއްގައި ތިރިކޮށް ހުރުމުގެ ސަބަބުން މިހެން މި ދިމާވަނީ" ތިނަދޫ ކައުންސިލްގެ ރައީސް އަސްއަދު ވިދާޅުވިއެވެ.

ގދ. ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޕަންޕް ސެޓޭޝަން ބެހެއްޓުމަށް ކުރީގެ ސަރުކާރުން އެމްއާރޑީސީއާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ވަނީ ހުއްޓިފައެވެ. ތިނަދޫ ކައުންސިލުން ބުނީ ތިނަދޫގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ބެޖެޓްގައި ހިމަނާފައިވަނީ ކުރިންވެސް އެ ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވާ ގޮތަށް ކަމަށެވެ. އެގޮތުން ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި 7 ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަސްއަދު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އެ މަޝްރޫޢުގެ އަގަކީ 5.2 މިލިއަން ރުފިޔާއެވެ. ކުރީ ސަރުކާރުން އެމަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައެޅީ 37.9 މިލިއަން ރުފިޔާއެވެ.

ދެކުނުގެ އަތޮޅުތަކަށް އެންމެ ފަހުން ކުރި ވިއްސާރައިގައިވެސް ގދ. ތިނަދޫގައި ފެންބޮޑުވެ ގެންލުންތަކެއް ވެފައިވެއެވެ. އެގޮތުން ގޭގެއަށް ފެންވަދެ ފަރުނީޗަރާއި މުދަލަށް ގެއްލުންވެފައިވެއެވެ. ވިއްސާރައިގައި ފެންބޮޑުވުމުން ފެންހިއްކުމުގެ މަސައްކަތް މިހާރު ކުރަނީ ސިފައިން ނުކުމެއެވެ. ނަމަވެސް ޕަންޕް ސްޓޭޝަން ޤާއިމުކުރެވުމުން މިކަމަށް ދާއިމީ ހައްލެއްލިބި މެނުއަލްކޮށް ފެންހިއްކަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.