ޚަބަރު

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު މިހާރު ރަނގަޅު- ތިނަދޫ ހޮސްޕިޓަލް


ގދ. ހައޮޑިގަލާ ކައިރިން، ދެ ދޯނި ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް ގދ.ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި، އާމިނަތު ޢަބްދުލް ހަކީމް ވިދާޅުވީ، އެހާދިސާއާ ގުޅިގެން އަނިޔާވި 6 މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 4 މީހަކު މިހާރު ގެއަށް ފޮނުވާފައިވާއިރު އެ ހާދިސާގައި ބޮޑަށް އަނިޔާވި ދެމީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދެމީހުން ބަލަމުން އަންނަނީ ހޮސްޕިޓަލުގެ އޮބްޒަވޭޝަނުގައި ކަމަށާއި، އެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެކްސިޑެންޓުވެފައިވަނީ، ރޭ 23:15 ހާއިރު ތިނަދޫގެ މަސް ދޯންޏަކާއި އަމާރީ ހަވޮއްޑާ ރިސޯޓުގެ މުވައްޒަފުން އުފުލާ ފެރީ ޖެހިގެންނެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އަމާރީ ފެރީގެ ކެޕްޓަނަށެވެ. މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، ފެރީގައި ތިބި އެހެން މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި ހާދިސާގައި ފެރީއަށާއި މަސް ދޯންޏަށްވެސް އެކި ވަރުގެ ގެއްލުންތަކެއް ވަނީ ވެފައެވެ.