ވިޔަފާރި

ޓޫރިޒަމް ދާއިރާއިން ދިވެހިން ތަމްރީނު ކުރުމަށްޓަކައި އިންސްޓިޓިއުޓެއް ޤާއިމްކުރަނީ


ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހިން ތަމްރީނުކުރުމަށްޓަކައި ހާއްސަ އިންސްޓިޓިއުޓެއް އަންނަ އަހަރު އުފައްދަވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ގެސްޓްހައުސް މަހާސިންތާގެ ސެޝަންތައް ނިންމާލުމަށްފަހު ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ފަންނީ ދިވެހިން މަދުކަމަށް އެ މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް ފަތުރުވެރިކަމުގެ ތަމްރީންދޭ އިންސްޓިޓިއުޓެއް އުފައްދަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ


"
މިނިސްޓްރީއަށް އެބައާދޭ، ތަމްރީން ލިބިފައިތިބި ދިވެހިން ވަޒީފާތަކަށް ނުލިބޭ މައްސަލަ.. ސަރުކަރުގެ އަމާޒެއް މިފެށޭ އަހަރުގެ ތެރޭގައި ޓްރެއިނިން އިންސްޓިޓިއުޓެއް ޤާއިމްކުރުން...އެއީ އަޅުގަނޑުމެން އެބަޖެހޭ މީހުން ތަމްރީންކުރަން. މަސައްކަތު މާހައުލަށް ދިވެހިން ނެރުމަށްޓަކާ އެލިބެންވާ ތަމްރީންތަށް ދޭންޖެހޭ...އަޅުގަނޑުމެންގެ މިސަރުކާރުގެ އަމާޒަކީ ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދިނުން.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު


ޓޫރިޒަމް މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިހާރުން މިހާރަށްވެސް މަސައްކަތްތައް ފަށާފައިވާކަމަށެވެ.
މިގޮތުން ޓޫރިޒަމް ސިނާއަތުގައި ހުރި ޝަކުވާތައް ބެލުމަށް އަންނަ އަންގާރަދުވަހުން ފެށިގެން ޓޫރިޒަމް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނޭ ނިޒާމެއް ޤާއިމްކުރައްވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން 77223131 އަދި 9423131 މި ދެ ނަމްބަރު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގެސްޓްހައުސް މަހާސިންތާގައި ޓޫރިޒަމް މިނިސްޓްރީން ވަނީ، ދިވެހި ރާއްޖޭގައި އާސާރީ ތަރިކަތަށް ހިމާޔަތް ކުރެވިފައިނުވާކަމަށް ފާހަގަކުރަމުން އަންނަ އަހަރު ކަލްޗަރަލް ޓުއަރިޒަމް ރާއްޖޭގައި އިތުރަށް ފުޅާކުރާނެކަން ހާމަކޮށްފައެވެ.
މިގޮތުން މިކަން ހައްލުކުރުމަށްޓަކައި ދިވެހި ރާއްޖޭގެ އާސާރީ ތަރިކަ ހިމާޔަތްކުރުމަށް، އެކަމަށް ބެނުންވާ ބަޖެޓު ކަޑައަޅާ، އަންނަ ޖެނުއަރީމަހުން ފެށިގެން މިކަމާގުޅުންހުރި އެހެންކަންތައްތައްވެސް ކުރަން ފަށާނޭކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.