ވިޔަފާރި

ގެސްޓްހައުސް މަހާސިންތާއާއިއެކު ގެސްޓްހައުސް ވިޔަފާރިތަކަށް އައު އުއްމީދެއް


ގެސްޓްހައުސް މަހާސިންތާ ނިމުނަސް، ޖެނުއަރީ މަހުގެ 14ގެ ނިޔަލަށް ގެސްޓްހައުސް ވިޔަފާރިއާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މަހާސިންތާގެ ސެޝަންތައް ނިންމާލުމަށްފަހު ބައިވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވަމުންނެވެ.

ދަރުބާރުގޭގައި އެއް ދުވަހުގެ ނިޔަލަށް މޯލްޑިވްސް ގެސްޓްހައުސް ސިމްޕޯސިއަމް ކުރިއަށްގެންގޮސްފައިވަނީ، "ޓުވަރޑްސް ސަސްޓެއިނަބަލް ޓުއަރިޒަމް" ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަމަކާ ދިމާލަށް، މިޝިޢާރުގެ ދަށުންނެވެ.

ގެސްޓްހައުސް ސިމްޕޯސިއަމްގައި 350 އަށްވުރެ ގިނަ ގެސްޓްހައުސް ވިޔަފާރިކުރާ މީހުން ބައިވެރިވެފައިވާއިރު، މި މަހާސިންތާގައި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއާއި، ސަރުކާރުގެ މުއައްސަސާތަކާ، ކަމާއި ގުޅުންހުރި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މިމަހާސިންތާގެ ސެޝަންތައް ނިންމާލެއްވުމަށްފަހު ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ބައިވެރިން ހިއްސާކުރި ކަންކަމަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި މި މަހާސިންތާ ނިމުނު ނަމަވެސް، ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓް ހައުސްތަކަށް ހިޔާލު ހުށަހެޅޭނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"
ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް އަޅުގަނޑުމެން ގެސްޓް ހައުސްތަކަށް ފުރުސަތު ދޭނަން އިތުރަށް ހިޔާލު ދޭން... އެއީ މިތަނަށް ނާންނަ މީހުންނަށްވެސް ފުރުސަތު ދިނުމަށް.. ތިބޭފުޅުން އެބަ އެދޭ ގެސްޓްހައުސް ހިންގުމާއި ބެހޭ ބައެއް ޤަވާއިދުތައް އިސްލާހުކުކުރަން. ޓޫރިޒަމް މިނިސްޓްރީން މިކަމުގެ މަސައްކަތް ކުރިއަށްގެންދާނަން
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު


އަންނަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާގެ މައްސަލަތަކަށް އަމަލީގޮތުން ހައްލު ގެންނާނެ އަހަރުކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ، ހާއްސަކޮށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް ގެސްޓްހައުސް ވިޔަފާރި ހިންގުމުގައި މިހާރު ހުރި ހުރަސްތައް ނައްތާލެވޭނޭކަމަށެވެ.

މިގޮތުން ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއިވެސް މަޝްވަރާކުރެވިގެންދާނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަންނަ އަހަރު ވެގެންދާނީ ގެސްޓްހައުސް ވިޔަފާރިތަކަށް އައު އުއްމީދެއް ލިބިގެންދާނޭ އަހަރެއްގެ ގޮތުގައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ގެސްޓްހައުސް ސިމްޕޯސިއަމް ނިމުނު ނަމަވެސް، މި މަހާސިންތާއާއި ގުޅިގެން ކުރިއަށްއޮތް އަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.