ވިޔަފާރި

ފަތުރުވެރިކަމާ ބެހޭ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފަށަނީ


ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަސް ނިމުމުގެ ކުރިން ފަތުރުވެރިކަމާ ބެހޭ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފަށްޓަވާނޭކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ފެށި ގެސްޓް ހައުސް މަހާސިންތާގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް ސަރުކާރުން ގެނައުމަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. މިގޮތުން މިއަދު ފެށުނު ގެސްޓްހައުސް ސިމްޕޯސިއަމަކީވެސް މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސިމްޕޯސިއަމްގައި މިހާތަނަށް މުހިއްމު މަޝްވަރާތަކެއް ކުރެވިގެން ގޮސްފައިވާކަމަށެވެ. މި ސިމްޕޯސިއަމުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތަތަކުން ހުށަހަޅާ ކަންތައްތައް ފަތުރުވެރިކަމާބެހޭ މާސްޓަރ ޕްލޭންގައި އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި ސިމްޕޯސިއަމްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގެސްޓް ހައުސް ވިޔަފާރިތަކަށް ރަގަނޅު ހަބަރުތަކެއް ލިބިގެންދާނެކަމަށެވެ.


"
އަޅުގަނޑުމެން އުންމީދުކުރަނީ މިރޭގެ ރައީސުލްޖުމްހޫރިއްޔާގެ މިތަނަށް ވަޑައިގެން ދައްކަވާ ވާހަކަފުޅުގައި ތިބޭފުޅުންނަށް އުންމީދީ ވާހަކަތަކެއް އިވިގެންދާނެކަމަށް. އިނގިވަޑައިގަންނަވާނެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޓުއަރިޒަމަށް އޮތީ ދެ ވައުދެއް. އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް ބަޖެޓު ބޮޑުކުރުން. އެކަން ވަނީ ހާސިލް ވެފައި. ދެވަނަ ކަމަކީ މިސިންޕޯޒިއަމް ބޭއްވުން
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސިންޕޯޒިއަމްގެ ތެރެއިން ގެސްޓް ހައުސްތަކުގެ ވާހަކަތައް އަޑުއެހުމުގެ ގޮތުން ސެޝަންތައް ބާރަ ޖެހުމާއި ހަމަޔަށް ކުރިޔަށް ގެންދާނޭކަމަށެވެ.

މި ސިމްޕޯސިއަމުގައި ހިއްސާކުރާ ވާހަކަތަކަކީ ވަރަށް މުހިއްމު ވާހަކަތަކެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ، ފަތުރުވެރިކަމުގެ ސިޔާސަތު ކަނޑައެޅުގައި އެ ވާހަކަތަކަށް ރިޔާއަތްކުރާނޭކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ގެސްޓް ހައުސްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކުރެވޭ ކަންކަން ހައްލުކުރުމުގެ މަސައްކަތް ލަސްނުވެ ފަށާނެކަންވެސް ހާމަކުރައްވާފައެވެ.

މިއަދުފެށި ގެސްޓްހައުސް މަހާސިންތާގައި ގެސްޓް ހައުސް ވިޔަފާރިކުރާ 300 އަށްވުރެ ގިނަ މީހުން ބައިވެރިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.