ޚަބަރު

ދިވެހިރާއްޖޭގެ އަޑަށް 56 އަހަރު، ރައްޔިތުންގެ އަޑު އިއްވުމުގައި ފަސްނުޖެހި


މިއަދަކީ ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށިތާ 56 އަހަރު ފުރުނު ދުވަހެވެ. 1962 ވަނަ އަހަރު އެންމެ 4 ވަރަކަށް މިނެޓަށް ބްރޯޑްކާސްޓްކުރަން ފެށި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެ، މި ޚިދުމަތަކީ މިއަދު 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ. ގޭތެރޭގެ ފަޅުކަން ފިލުވައިދިނުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަދިވެސް ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ.

ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް ދިވެހިންގެ ލޯތައް ހުޅުވިގެންދިޔައީ މީގެ 56 އަހަރު ކުރިން ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށި ހިސާބުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 1962 އަހަރު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފެށިއިރު، ދިވެހިރާއްޖޭގައި ޚިދުމަތް ދެމުންދިޔަ ހަމައެކަނި ރޭޑިއޯ ޗެނަލަކީ ދިވެހިރާއްޖޭގެ އަޑު، އޭރުގެ ނަމުންނަމަ މާލެ ރޭޑިއޯއެވެ. މީގެ 56 އަހަރު ކުރިއަށް ޖެހިލާނަމަ ރޭޑިއޯއަކުން ދިވެހި އަޑެއް މި ޖައްވުގެ ތެރެއިން އިވިދާނެކަމަށް އޭރު އެއްވެސް ދިވެއްސަކު ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ދިވެހިންގެ މި ވިސްނުން ބަދަލުކޮށްލީ، 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދިވެއްސެއް، ދިވެހިބަހުން ރޭޑިއޯއިން ގޮވާލި އަޑު ފުރަތަމަ ފަހަރަށް ދިވެހި ޖައްވަށް އިވިގެންދިޔަ ހިސާބުންނެވެ. އެއީ އެދުވަހުގެ ގަޑިން ދެގަޑި ސުންމިނެޓެވެ. މިއީ ރާއްޖޭގެ ފުރަތަމަ ރޭޑިއޯ ސްޓޭޝަން ދިވެހިރާއްޖޭގެ އަޑު، އޭރުގެ ނަމުން ނަމަ މާލޭ ރޭޑިއޯގެ ފެށުމެވެ.

މާލޭ ރޭޑިއޯއިން އެންމެ ފުރަތަމަ ގެނެސްދިން ޕްރޮގްރާމްގެ ދިގުމިނަކީ އެންމެ 4 މިނެޓާއި 2 ސިކުންތެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދުރަށް ފޮނުވުމަށް އެންމެ ފުރަތަމަ ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ އެދުވަސްވަރު ބ. ގޮއިދޫއާއި ހދ. ނޮޅިވަރަންފަރަށް ވުޒާރަތުލް ދާޚިލިއްޔާއިން ގުޅައިގެން ރޭޑިއޯ މެސެޖް ފޮނުވަމުންގެންދިޔަ "ޑޮލްފިން 3" ގެ އާދައިގެ ކުޑަ ރޭޑިއޯ ޓެލެފޯން ސެޓެކެވެ.

މާލެ ރޭޑިއޯގެ ޚިދުމަތް ފެށުމަށްފަހު ރޭޑިއޯގެ ޚިދުމަތުގައި ފަހަތައް އެންމެ ފިޔަވަޅެއްވެސް ނާޅައި، ކޮންމެ ދުވަހަކުވެސް ދިޔައީ ޚިދުމަތުގައި ކުރިއަށެވެ. މާލެ ރޭޑިއޯގެ ޚިދުމަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށްޓަކައި 1964 ވަނަ އަހަރު ރޭޑިއޯ ހިންގުން ސިނަމާ ކޮމްޕެނީގެ ދަށަށް ބަދަލުކޮށް، ސެނެކޯ ރޭޑިއޯގެ ނަމަށް ބަދަލުކުރިއެވެ. އެގޮތުން 1965 ވަނައަހަރުގ މާރޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރޭޑިއޯގެ ޚިދުމަތް ފުޅާކޮށް، މެދުކެނޑުމެއްނެތި 16 ގަޑިއިރު ޚިދުމަތްދޭން ފެށިއެވެ. އެއީ ސްރީލަންކާގެ އިންޖިނިއަރެއްގެ ކުރެހުންތަކާއި އެއްގޮތަށް ދިވެހިންގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ 3 ޓްރާންސްމީޓަރު މެދުވެރިކޮށެވެ.

1966 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ސަރުކާރުގެ ރޭޑިއޯ ސްޓޭޝަނަކަށް ސެނެކޯ ރޭޑިއޯ ބަދަލުކޮށް، ސެނެކޯ ރޭޑިއޯގެ ނަން، މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސަރވިސްއަށް ބަދަލުކުރިއެވެ. އެއަށްފަހު 1969 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެ ނަން ރޭޑިއޯ މޯލްޑިވްސްގެ ނަމަށް ބަދަލުކުރިއެވެ. ދުވަހެއްދުވަހަކަށް ޚިދުމަތް ފުޅާވެ، ޒަމާނަށް ފައްކާވަމުންދިޔަ މި ޚިދުމަށް ދިވެހިރާއްޖެގެ އަޑުގެ ނަމަށް ބަދަލުކޮށްފައިވަނީ 19 ޖެނުއަރީ 1980 ގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެ، ރޭޑިއޯގެ ސިގްނަލް މުޅިރާއްޖެއަށް ދޭން ފަށާފައިވަނީ ރާއްޖޭގައި ރޭޑިއޯ ޚިދުމަތް ދޭންފެށިތާ 19 އަހަރު ފަހުންނެވެ. އެގޮތުން އެންމެ ޒަމާނީ ޓްރާންސްމީޓަރތަކާއެކު ރޭޑިއޯގެ ޚިދުމަތް މުޅި ރާއްޖެއަށް ސާފުކޮށް ދޭންފެށިއެވެ.

1990 ވަނަ އަހަރުގެ ފަހުން ތަފާތު އެކި ބަދަލުތަކާއެކު އިތުރު ރޭޑިއޯ ޗެނަލްތައް ރާއްޖޭގައި އުފަންވާން ފެށިއެވެ. ތަފާތު އެކި ނަންނަމުގައި މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއެކު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް 24 ގަޑިއިރު ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުތެރޭގައެވެ. ދިވެހިރާއްޖޭގެ އަޑުގެ 56 އަހަރުގެ ދިގު ހަޔާތުގައި އެކި ނަންނަމުގައި، އެކި ކުންފުނިތަކުގެ ދަށުން ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދީފައިވާނަމަވެސް، އެޚިދުމަތް މިއަދާހަމައަށް މެދުކެނޑުމެއްނެތި ދެމުންދާކަމީ ފާހަގަކޮށްލަންޖެހޭކަމެކެވެ. މިހާރު ދިވެހިރާއްޖޭގެ އަޑު ހިނގަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ކުޑައިގެ ދަށުންނެވެ.

ގޭތެރޭގެ ފަޅު ފިލުވައިދިނުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަދިވެސް ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދީނީ މަޢުލޫމާތާއި ޚަބަރާއި ތަޢުލީމު އުނގަންނައިދިނުމާއި، ޢާންމުން ހޭލުންތެރިކުރުވުމާއި، ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ވޭތުވެދިޔަ 56 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުން ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ މުހިންމުކަން އެންމެ ބޮޑަށް އެނގިގެންދަނީ ބޮޑެތި މުނާސަބަތުތަކާއި، ކާރިސާތަކުގެ ވަގުތުއެވެ. އެގޮތުން 3 ނޮވެމްބަރުގައި ރާއްޖެއަށް ދިމާވި އުދުވާނީ ހަމަލާގެ މައުލޫމާތު ގެނެސްދިނުމާއި، ސުނާމީ ކާރިސާ ތެރޭގައި ދިވެހިރާއްޖޭގެ އަޑު އަދާކުރި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.

ޚިދުމަތުގެ 56 އަހަރު ފާހަގަކުރަމުންދާއިރު ދިވެހިރާއްޖޭގެ އަޑު ހަޤީގަތުގައިވެސް ވެފައިވަނީ ރައްޔިތުންގެ ވިންދުތަކާއި އިޙްސާސްތައް ދަންނަ، ރައްޔިތުންނާ ރައްޓެހި ރައްޔިތުންގެ ރޭޑިއޯއަށެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދިވެހިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ.