ވިޔަފާރި

މަޓާޓޯއިން ރާއްޖެ އިޝްތިހާރުކުރުމަށް މެދުއިރުމައްޗަށް


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓެރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން މެދުއިރުމަތީގައި އައުޓްބައުންޑް ޓްރެވެލް ރޯޑް ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ މަޓާޓޯއިން ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރު ބާއްވާ ފުރަތަމަ ހަރަކާތެވެ. މަޓާޓޯއިން ބުނީ މި ރޯޑް ޝޯވގެ ތެރެއިން މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މައިގަނޑު 4 މާކެޓެއްގައި ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ. އޭގެތެރޭގައި ދުބާއީ، އޮމާން، ޤަތަރު އަދި ކުވައިތު ހިމެނެއެވެ.

މި ރޯޑްޝޯ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 10 އިން 13 އަށްށެވެ. މި ރޯޑްޝޯތައް މަޓާޓޯއިން ބާއްވަނީ ސްޕެއަރ ޓްރެވެލް މީޑިއާ އެންޑް އެގްޒިބިޝަންއާ ގުޅިގެންނެވެ. އައުޓް ބައުންޑް ޓްރެވެލް ރޯޑްޝޯގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ވާހަކަދެކެވި، މި ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.

މެދުއިރުމަތިން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެދުއިރުމަތި ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 3 މާކެޓްގެ ތެރޭގައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހާ ހަމައަށް މެދު އިރުމަތިން ރާއްޖެއަށް 44،168 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 3.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއީ މަޓާޓޯއިން މެދުއިރުމަތީގައި އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯއެއް ބާއްވާ 2 ވަނަ އަހަރެވެ. 2018 ވަނަ އަހަރު ބޭއްވި ފުރަތަމަ ރޯޑްޝޯގައި މަޓާޓޯއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.