ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އޮސްޓްރޭލިއާގައި އިޝްތިހާރުކުރަނީ


ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އޮސްޓްރޭލިއާގައި އިޝްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ފަށައިފިއެވެ.

އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިޚާރުކުރުމުގެ މަސައްކަތް އެމް.އެމް.ޕީ.އާރު.ސީން ފަށާފައިވާއިރު، އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިހާރުކުރާނެ އެޖެންސީއެއް ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައި. އެގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިހާރުކުރަން ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އީ-މެއިލް މެދުވެރި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަށެވެ. މިކަމަށް ކުރިމަތިލާ އެޖެންސީތަކަކީ އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ މާކެޓާބެހޭ މައުލޫމާތު އެނގޭ، އަދި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެ ގޮތްތައް އިނގޭ އެޖެންސީއަކަށް ވާންޖެހޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

އަދި ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުމާއި، އެޖެންސީގެ އޮފީހެއް އޮސްޓްރޭލިއާގައި ހުރުމާއި، މާލީ ޙާލަތު ރަނގަޅު އެޖެންސީއަކަށްވެސް ވާންޖެހޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނޭ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމެކެވެ. އެގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް އޮންނަ ބަޖެޓް ސަރުކާރުން ވަނީ 3 ގުނަ ބޮޑުކޮށްފައެވެ.