ވިޔަފާރި

ގެސްޓް ހައުސްތަކުގެ މަހާސިންތާ ޑިސެމްބަރު 29ގައި


ގެސްޓް ހައުސްތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކާ ބާއްވާ "ގެސްޓްހައުސްތަކުގެ މަހާސިންތާ" މިމަހު 29 ގައި ބޭއްވުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މިމަހު ފަހުކޮޅު ބާއްވާ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަކަށް ހުޅުވާލާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ގޮންޖެހުންތަކާއެކުވެސް ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް، މިދާއިރާގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެއްކަމަށެވެ.

"މި ސިންޕޯޒިއަމްގެ ބޭނުމަކީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމަށް ނުވަތަ ރައްރަށުގެ ގެސްޓް ހައުސްތައް ހިންގާއިރު ދިމާވާ ކަންތައްތައް ދެނެގަނެ، އެ އެންމެންގެ ހިޔާލާ މަޝްވަރާ ލިބިގަނެ، މިކަންކަމަށް ހައްލެއް ހޯދުމަށްޓަކާ ސަރުކާރުން ބާއްވާ ސިންޕޯޒިއަމެއް. މިފުރުސަތުގައި ދިވެހި ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަށް އަޅުގަނޑުމެން މި ސިންޕޯޒިއަމްގައި ބައިވެރިވުމުގެ ފުރުސަތު އަރުވަން. އަދި އަޅުގަނޑުމެންގެ ޓުއަރިޒަމް މިނިސްޓަރީގެ ވެބްސައިޓުގައި މިސިންޕޯޒިއަމާބެހޭ އިތުރު މައުލޫމާތުތަކާއި ބައިވެރިވުމުގެ ކަންތައްތައް ރޭވިފައިވާގޮތް ހާމަކުރެވިފައި ހުންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.

އަލީ ވަޙީދު ވިދާޅުވީ މަހާސިންތާގެ ތެރެއިން މިހާރަށްވުރެ ބޮޑަށް ގެސްޓް ހައުސްތަކަށް ފައިދާވާނެހެން ފަތުރުވެރިކަމުގެ ދާއިރާގެ ޤަވާއިދުތައް ބައްޓަން ކުރެވޭނެ ގޮތްތަކާއި، ވަކިވަކި ރަށްތައް ޑެސްޓިނޭޝަންތަކުގެ ގޮތުގައި މާކެޓް ކުރެވޭނެ ގޮތްތަކާބެެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމުގައިވާ ދިވެހިރާއްޖޭގެ ތަންތަން ނުވަތަ ރަށްތައް ޑެސްޓިނޭޝަންސްތަކެއްގެ ގޮތުގައި މާރކެޓްކުރުމަށްޓަކާ ބްރޭންޑިންގެ މަސައްކަތުގައި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުގެ ހިޔާލުހޯދުން ކުރިޔަށް ދާނެ. އަދި މިހާރު ހުރި ޤަވައިދުތައް އިތުރަށް ހަރުދަނާކޮށް، މިދާއިރާ ހަރުދަނާކުރުމަށް ވަކިވަކި ކޮމިއުނިޓީތަކަށް އިތުރު ފައިދާތައް ކުރާނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިޔަށް ދާނެ." އަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަތުުވެރިކަމުގެ ދާއިރާ ކުރިއެރުުވުމުގައި އަތޮޅުތަކާއި، ރަށްތައް އަދި ކައުންސިލްތަކަށްވެސް ބާރުތައް ދީގެން ކުރިޔަށް ދިއުންކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ބާވަތެއްގެ ފަތުރުވެރިކަންވެސް ކުރާ ޤައުމެއްގެ ގޮތުގައި ކުރިއެރުވުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގެސްޓް ހައުސް މަހާސިންތާގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ހިމަނައިގެން މަހާސިންތާއެއް ބާއްވާނެކަމަށެވެ.

ޤައުމީ ފެންވަރުގައި ބާއްވާ ގެސްޓް ހައުސްތަކުގެ މަހާސިންތާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ތިރީސް ދުވަހުގެ ތެރޭގައި ކުރުމަށް ނިންމަން ވަޢުދުވެފައިވާ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ.