ޚަބަރު

ސްކޫލްތަކަށް ބިއްލޫރު ފުޅި ހަދިޔާ ކުރުމުގެ ޕްރޮގްރާމެެއް ފަށަނީ


ރާއްޖޭގެ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން ސްކޫލްތަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކަށް ބިއްލޫރު ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، ޔުނިސެފުން މިހާތަނަށް ނުވަހާސް ބިއްލޫރި ފުޅި ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިއީ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ ކިބައިގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''ވިޔަފާރި ކުންފުނިތަކުންވެސް މިޕްރޮގްރާމަށް އެހީތެރިވެދިއުމަކީ އެދޭ ކަމެއް. ބައެއް ފަރާތްތަކުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ދެއްވާނެކަމަށް ވަނީ ވިދާޅުވެފައި'' މިނިސްޓަރި ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ނުވަތަ، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ޚާއްޞަ ކެމްޕޭން ސަރުކާރުން ވަނީ ފަށާފައެވެ. މި ކެމްޕެއިނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ބައެއް އިދާރާތަކުންވެސް ވަނީ މި ކެމްޕެއިނުގައި ބައިވެރިވެ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައެވެ.