ޚަބަރު

ފުވައްމުލައް ސިޓީން ފްލެޓް ލިބުނު ފަރާތްތަކަށް ޕޮއިންޓް ދިންގޮތުގެ ތަފްސީލް އާންމުކޮށްފި


ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ތަފްސީލް އާއްމުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްފައިވަނީ އެ ސިޓީގައި އިމާރާތްކޮށްފައިވާ 150 ފްލެޓުގެ ތެރެއިން ކެޓެގަރީ އޭ ގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޚާއްސަކުރެވުނު 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓެގަރީ ބީ ގެ ދަށުން ފުވައްމުލަކު ސިޓީއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ތަފްސީލެވެ. މި އިއުލާނާއެކު ޕޮއިންޓް ދިނުމަށް އަމަލު ކޮށްފައިވާ ގޮތުގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ.

މީގެއިތުރުން، ޕޮއިންޓް ދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 27 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށް ޝަކުވާ ފޯމު ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ.

ފުވައްމުލައް ސިޓީގައި ތަރައްޤީކޮށްފައިވާ ފުލެޓުތައް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.