ޚަބަރު

ޤައުމީ ޓީމެއް ތައްޔާރު ކުރުމަކީ ބޮޑު ގޮންޖެހުމެއް: މަންޗީނީ


  • މަންޗީނީ އާއި ބޮމެލް ޓީމެއް ތައްޔާރު ކުރަން ދެތިން ދުވަސް މަދުކަމަށް

މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޤައުމީ ޓީމެއް ތައްޔާރު ކުރުމަކީ ބޮޑު ގޮންޖެހުމެއްގެގޮތުގައި އިޓަލީވިލާތުގެ ކޯޗު ރޮބާޓޯ މަންޗީނީ އާއި ބެލްޖިއަމްގެ ކޯޗު މާކް ވެން ބޮމެލް ބުނެފިއެވެ.

މިދެ ކޯޗުން މިހެން ބުނެފައިވަނީ ނޭޝަންސް ލީގުގައި މިރޭ މިދެޓީމު ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަ ދައްކަމުންނެވެ. ބެލްޖިއަމް ޓީމާއެކު ފުރަތަމަ މެޗަށް ނިކުންނަ ވެން ބޮމެލް ފާހަގަ ކުރިގޮތުގައި ޤައުމީ ޓީމާއެކު މެޗަކަށް ތައްޔާރު ވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން އެއް މިވަނީ މެޗު އޮންނަ ދުވަހަށް ވުރެ ތިނެއް ނުވަތަ ހަތަރު ދުވަސް ކުރިން ކަމަށެވެ. އެހެން ކަމުން ޓީމާއެކު ފަރިތަކުރަން މިލިބެނީ ތިން ހަތަރު ދުވަސް ކަމަށާއި ފުރަތަމަ މެޗުން ފެށިގެން ނަތީޖާ ނެރެން ޖެހޭއިރު މިއީ ވަރަށް މަދު ދުވަސް ކޮޅެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި މިއީ ހަމައެކަނި އެޓީމުގެ ހާލަތު ނޫން ކަމަށާއި މަންޗީނީވެސް އިޓަލީވިލާތާއި އެކު އާފެށުމަކުން ފަށާއިރު މިމައްސަލަ ދިމާވާނެ ކަމަށް ގަބޫލް ކުރާކަމަށް ވެން ބޮމެލް ފާހަގަ ކުރިއެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް އިޓަލީވިލާތުގެ މެޗަށް ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެފައިވާކަމަށްވެސް ބެލްޖިއަމްގެ ކޯޗު ހާމަކުރިއެވެ. އަދި އިޓަލީވިލާތުގެ ޓީމަކީ އޭނާއަށް ވަރަށް ހާއްސަ ޓީމެއް ކަމަށްވެސް ވެން ބޮމެލް ފާހަގަ ކުރިއެވެ.

މަންޗީނީ ބުނީ އިޓަލީވިލާތުން ބޭނުންވަނީ ފުރަތަމަ ވަގުތުން ފެށިގެން ކާމިޔާބީ ހާސިލް ކުރެވޭތޯ މަސައްކަތް ކުރަން ކަމަށާއި ނަމަވެސް މައްސަލަ އަކީ މެޗަށް ތައްޔާރުވާން ލިބުނު ވަގުތު ކުޑަވުން ކަމަށެވެ. މަންޗީނީ ބުނީ އޭނާއަށް ޓީމާއެކު ލިބުނީ އެންމެ ދެ ދުވަސް ކަމަށާއި ނަމަވެސް ބައިނަލްއާޤްވާމީ ފުޓްބޯޅައިގާ މިއީ އަބަދުވެސް ކަން އޮންނަ ގޮތް ކަމަށެވެ. ޤައުމީ ޓީމުތަކަށް އަބަދުވެސް ތައްޔާރުވާން މާގިނަ ވަގުތު ނުލިބޭ ކަމަށާއި ޖެހެނީ އަވަހަށް ތައްޔާރުވެ ރަނގަޅަށް ކުޅެ ނަތީޖާ ނެރެން ކަމަށް އޭނާ ފާހަގަ ކުރިއެވެ.

މަންޗީނީ ބުނީ ސަޕޯޓަރުންގެ ތާއީދާއި އިތުބާރު އަލުން ހޯދުމަށްޓަކައި މޮޅުވުން ވަރަށް މުހިންމު ކަމަށާއި ނަމަވެސް ބެލްޖިއަމްގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި މިމެޗު ފަސޭހަ ނުވާނެކަމަށެވެ. އުންމީދަކީ މިމެޗު ކާމިޔާބު ކޮށް ކާމިޔާބީ އަކާއެކު ނޭޝަންސް ލީގު ފެށުން ކަމުގައި މަންޗީނީ ބުންޏެެވެ.