ޚަބަރު

ޖަޕާނުން ރާއްޖެއަށް 40.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފި


މޫދަށާއި، ކަނޑައަށް އެޅޭ ތެލުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޖަޕާނުން 300 މިލިއަން ޖަޕަނީޒް ޔުއާން ނުވަތަ 40.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ރާއްޖެއަށް ދީފިއެވެ.

މި އެހީ ޖަޕާނުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރީ، މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯއެވެ. އަދި ރާއްޖޭގެ ފަރާތުން މި އެހީއާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.

ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއަށް ތަފާތު ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.

ޖަޕާނުން ރާއްޖެއަށް މިއަދު ހިލޭ އެހީ ދިފައިވާއިރު، އެ ޤައުމުގެ ބޮޑުވަޒީރުގެ ޚާއްޞަ މުޝީރު ކެންޓަރޯ ސޮނޯއުރާ ވަނީ ފޮރިންގ މިނިސްޓަރގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއްކުރައްވާ ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާއި ޖަޕާނުން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967ވަނަ އަހަރުއެވެ.