ވިޔަފާރި

ކޮސްޓަރ ނިއު-ރިވޭރިޔާ ރާއްޖޭގައި


ދުނިޔޭގެ މަޝްހޫރު ކްރޫޒް ލައިނަރ ކުންފުނި، ކޮސްޓާގެ "ކޮސްޓާ ނިއޯ-ރިވޭރިޔާ" ތިން ދުވަހުގެ ދަތުރެއްގައި ރާއްޖެ އަތުވެފައެވެ.

މާލޭގައި ބަނދަރުކޮށްފައިވާ އިޓަލީވިލާތުގެ ކޮސްޓާ ނިއޯ-ރިވޭރިޔާއަކީ 1999 ވަނަ އަހަރުގެ ފްރާންސްގެ ޝޮން-ޝި-އޭ ޑި އެތް-ލާން-ޓީކެއިން ބަނތް ބޯޓެކެވެ. 1854 ވަނަ އަހަރު އުފެއްދި ކޮސްޓާ ކްރޫޒަސް ކުންފުނީގެ ދަށުން 14 ކްރޫޒް ލައިނަރއެއް އޮޕަރޭޓްކުރާއިރު "ކޮސްޓާ ނިއޯ-ރިވޭރިޔާ"ގެ ދަތުރުތައް ފަށާފައިވަނީ ދެހާސް ތޭރަ ވަނަ އަހަރުއެވެ.

216 މީޓަރު ނުވަތަ 709 ފޫޓުގެ ކޮސްޓާ ނިއޯ ރިވޭރިޔާގައި 8 ފަސިންޖަރ ޑެކު ހުރެއެވެ. އަދި މިކްރޫޒް ލައިނަރއަކީ ގަޑިއަކު 19.5 ނޮޓުގެ ބާރުމިނުގައި ދުއްވޭ ކްރޫޒް ލައިނަރއެކެވެ. 1727 ފަސިންޖަރުންގެ ޖާގައިގެ މި ބޯޓުގައި 670 ފަޅުވެރިން އުޅެއެވެ.

ކޮސްޓާ ނިއޯ-ރިވޭރިޔާ ރާއްޖެ އައިސްފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ. މިތިން ދުވަސް ތެރޭގައި ކްރޫޒްގެ ބައިވެރިންނަށް މާލޭއަށް ފައިބާ، އެކި ތަންތަން ބަލާލުމާއި އެހެނިހެން ކަންތައްތައް ރާވާފައިވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް، މާޔާއިން ބުނެއެވެ.

މާޔާގެ ދައުވަތަކަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ކޮސްޓާ ނިއޯ-ރިވޭރިޔާއަށް ވަޑައިގެން ބޯޓުގެ ކެޕްޓަނާއި، މާޔާގެ ބޭފުޅުންނާއި ބައްދަލުކޮށްފައެވެ. އަދި މިނިސްޓަރ ވަނީ ބޯޓުގެ ކެޕްޓަނާއެކު، ބޯޓު ބަލާލާފައެވެ. މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި ރާއްޖެ އަންނަ ކްރޫޒް ލައިނަރތަކަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މާޔާގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ވަނީ މިކަންކަމަށް ވީހާވެސް އަވަހަށް ހައްލު ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ކޮސްޓާރ ނިއޯ-ރިވޭރިޔާ މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހޯދަދުވަހުއެވެ. ނަމަވެސް ކޮސްޓާރގެ ބޯޓުތަކަކީ ކޮންމެ ފަނަރަ ދުވަހަކުން ރާއްޖެ ޒިޔާރަތްކުރާ ބޯޓުތަކެކެވެ.

624 ކެބިން ހިމެނޭ ކޮސްޓާ ނިއޯ-ރިވޭރިޔާގައި 94 ސޫޓް ހިމެނޭއިރު މިއިން ކޮންމެ ސުއިޓެއްގައި ޕްރައިވެޓް ބެލްކަނީވެސް ހުރެއެވެ. މިބޯޓަކީ ކޮންމެ އުމުރެއްގެ ބަޔަކަށްވެސް ކަމުދާނެ ވަސީލަތްތަކާއި އެކި ހަރަކާތްތައް ހިމެނޭހެން އޮޕަރޭޓްކުރާ ބޯޓެއްވެސްމެއެވެ. މިގޮތުން ބޯޓުގައި އެކިއެކި ވައްތަރުގެ ސަޤާފަތުގެ ކެއުންތަކާއި ގިނަ ރެސްޓޯރެންޓު އަދި ބާތައްވެސް ހިމެނެއެވެ. އަދި ޕޫލްތަކާއި، ތިއޭޓަރ، ޑިސްކޯ، ކަސީނޯ، ލައިބްރަރީޔާއި ކާޑް ރޫމް، ސްޕާ، ފިހާރަތާއި، ކުޑަކުދިންނަށް ހާއްސަ ކްލަބްވެސް ހުރެއެވެ.

މިކްރޫޒް ލައިނަރއަކީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ދަތުރުކުރާ ކްރޫޒް ލައިނަރއެކެވެ. މީގެ ތެރޭގައި ހަތް ދުވަހުގެ ދަތުރުން ފެށިގެން ދިގުމުއްދަތަކަށް ނުވަތަ މަސްތަކަކަށް ބެހިގެންދާ ދަތުރުތައްވެސް ހިމެނެއެވެ. އެންމެ އާދައިގެ ކްރޫޒްގެ އަގު އުޅެނީ ދުވާލަކަށް 240 ޔޫރޯއިން ފެށިގެނެވެ.