ޚަބަރު

ތިމާވެއްޓާ ގުޅުންހުރި ރީތި ތަންތަން ޙިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި


އަތޮޅުތެރޭގައި ހުރި ތިމާވެއްޓާ ގުޅުންހުރި ރީތި ތަންތަން ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ބ. ދަރަވަންދޫގައި ބޭއްވި މަންތާ ފެސްޓިވަލްގައި ވާހަކަފުޅުދައްކަވަމުން ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ، މުޅިރާއްޖޭގައި ބަޔޮސްފިއަރ ރިޒާވްއެއްގެގޮތުގައި އޮންނަންޖެހެނީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާރވް އެކަނި ނޫންކަމަށެވެ. އެހެން އަތޮޅުތަކުގައިވެސް ތިމާވެއްޓާ ގުޅުންހުރި ރާއްޖެއިން ނެތެމުންދާ ރީތި ތަންތަން އެބަހުރިކަމަށާއި، ކޮންމެ އަތޮޅެއްގައިވެސް ތިމާވެއްޓާ ގުޅުންހުރި ރީތި ތަންތަން ހޯދައި އެތަންތަން ޙިމާޔަތް ކުރުމަށް ބެނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ރަށު ކައުންސިލްތަކާ ގުޅިގެން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

30 ދުވަހުގެތެރޭގައި މިމަސައްކަތްކޮށް، މުޅި ރާއްޖޭގައިވެސް ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅިގެންދާނެކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އެންމަޑީގެ ޢީދު ފާހަގަކުރަމުންދާއިރު، ބ. އަތޮޅު ބަޔޮސްފިއަރ ރިސާވް އެއްގެ ގޮތުގައި ކަނޑައެޅި، ބެލެހެއްޓެމުންދާއިރު ރާއްޖޭގެ އެހެން ރައްތަކުގައިވެސް މިގޮތަށް ކަންކަން ކުރުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭ. ހަމައެކަނި ބ. އަތޮޅެއްނޫން ބަޔޮސްފިއަރގެ ގޮތުގައި ރާއްޖޭގައި އޮންނަން ޖެހޭނީ، ރާއްޖޭގެ އެހެން ތިމާވެށިތައް، އެކޯސިސްޓަމްތައް ހިމާޔަތް ކުރުމަށްޓަކައި ޔުނެސްކޯ ބަޔޯސްފިއަރ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރަންޖެހޭ، އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއްރަށާ އެއްފަރާ ކަނޑޫފާ ހުރިނަމަ އެތަންތަން ހިމާޔަތް ކުރުމަށް ކަނޑައެޅުން" - ޑރ ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

ބ. އަތޮޅުގައި ބޭއްވި މަންޓާ ފެސްޓިވަލް ފަދައިން ރާއްޖޭގައި ހުރި އެހެނިހެން ދިރުންތަކުގެ މައުލޫމާތު ރައްޔިތުންނާއި ފަތުރުވެރިނަށް ދިނުމަކީ މުހިންމު ކަމެއްކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކޮންމެ އަތޮޅެއްގައި ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭގޮތަށް ތިމާވެށި ޙިމާޔަތްކުރުމުގެ ފްރޮގްރާމެއް ހިންގައި، މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ހިމެނޭގޮތަށް ރައްކާތެރިކުރުމަކީ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.