އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ އެގްޒިބިޝަން، ވޯލްޑް ޓްރެވަލް މާކެޓު 2018 ފަށައިފިއެވެ. މި އެގްޒިބިޝަނުގައި ރާއްޖޭގެ 65 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވިއެވެ.
އިނގިރޭސި ވިލާތަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެޤައުމުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެގްޒިބިޝަން ވޯލްޑް ޓްރެވަލް މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް މުހިންމު އެގްޒިބިޝަނެކެވެ.
ޑަބްލިއުޓީއެމް 2018ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސްހާހަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތައް އެއްފުރާޅެއްގެ ދަށުން ބައްދަލުކޮށް، މުހިންމު މަޝްވަރާތަކާއި ވިޔަފާރީގެ އެކި މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދޭ މުހިންމު އެގްޒިބިޝަނެކެވެ.
މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ޙާރިޘް މުޙައްމަދު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާރކެޓުގައި އިނގިރޭސީންގެ ދައުރު ފުޅާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަމަށެވެ. އަދި އެގްޒިބިޝަނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑުފައިދާއެއް ލިބޭނެކަމަށާ، މިއީ ޔޫރަޕުގެ މާރކެޓް އިތުރުކުރުމަށްވެސް ލިބިގެންދާ ފުރުޞަތެއްކަމަށް ޙާރިޘް ވިދާޅުވިއެވެ.
މިފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި ކުންފުނިތަކުން ދުއިއްސަތަ އެއްހައި ފަރާތުން ރާއްޖެ ތަމްސީލުކުރަމުންދެއެވެ. އެފަރާތްތަކުން ވަނީ ޑަބްލިއުޓީއެމް ފަދަ އެގްޒިބިޝަންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ކުރިއެރުން ފާހަގަކޮށްފައެވެ.
މިމަހުގެ ފަހަކުން ހަތަކަށް ލަންޑަނުގެ އެކްސަލް ކޮންފަރެންސް އެންޑް އެގްޒިބިޝަން ހޯލުގައި ކުރިޔަށްދާ ޑަބްލިއުޓީއެމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސްހާހަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވަމުންދެއެވެ.
ރާއްޖޭގެ ސަރުކާރުގެ ފަރާތުން ފެއަރގައި ބައިވެރިވާ ވަފުދުގައި އިނގިރޭސިވިލާތައް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އަޙުމަދު ޝިޔާނާއި ޑެޕިއުޓީ އެމްބެސެޑަރ ޢާއިޝަތު އަޒީމާ އާއި ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރ މުޙައްމަދު ޙައްސާނު ބައިވެރިވެއެވެ.
މިދިޔަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރގެ ޒަރިއްޔާއިން 3.1 ބިލިއަން ޕައުންޑުގެ އަގުހުރި ވިޔަފާރީގެ އެއްބަސްވުންތައް އެކި ކުންފުނިތަކުގެ މެދުގައި އެއްބަސްވެފައިވާއިރު މިފަހަރުގެ ފެއަރ ނިމިގެެންދާއިރު، މިއަށްވުރެ ގިނަ އެއްބަސްވުންތައް އެކުލަވާލެނޭނެކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުންވަނީ އަންދާޒާކުރެއެވެ.