ޚަބަރު

ސިންގަޕޫރުގެ ތައުލީމީ މަންހަޖާބެހޭ މައުލޫމާތު ދިނުމަށް ޚާއްސަ އޯޕަންޑޭއެއް ބާއްވައިފި

ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް، "ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް"އަށް ރީބްރޭންޑްކުރާއިރު އެސްކޫލްގައި ތަޢާރަފްކުރަން ހަމަޖެހިފައިވާ ސިންގަޕޫރުގެ ތަޢުލީމީ މަންޙަޖާބެހޭ މަޢުލޫމާތު ބެލެނިވެރިންނަށް ދިނުމަށް ހާއްސަ އޯޕަން ޑޭއެއް ބާއްވައިފިއެވެ.

ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައި ކުރިއަށްދިޔަ އޯޕަން ޑޭގެ ތެރެއިން ސިންގަޕޫރުގެ ތަޢުލީމީ މަންޙަޖު ތަޢާރަފްކުރުމުން އަންނާނެ ބަދަލުތަކާއި ބޭނުންކުރާނެ ވަސީލަތްތަކާބެހޭ މަޢުލޫމާތު ބެލެނިވެރިންނާ ޙިއްސާކުރިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިންގަޕޫރުގެ އިރުޝާދު ޓްރަސްޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ރައްޒާޤް ބިން މުހައްމަދު ވިދާޅުވީ ސިންގަޕޫރުގެ މަންޙަޖު ތަޢާރަފްކުރުމުން އެސްކޫލުގައި ކިޔަވައިދޭނީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި ހިސާބު އިލްމުގެ ރޮނގުން ދަރިވަރުން ކުރިއެރުމަށް މަގުފަހިވާ ގޮތަށްކަމަށެވެ.

"މިސްކޫލްގައި ބޭނުންކުރާނީ ސިންގަޕޫރުގެ މަޝްހޫރު މާޝަލް އެންޑް ކެވެންޑިޝްގެ ފޮތްތައް. އަދި ދަރިވަރުންނަށް ވީހާވެސް ގާތުން ކިޔަވާ މާއްދާތައް ތަރުޖިބާކޮށްލުމަށް ފުރުސަތު ދިނުމަށް އެންމެ ފަހުގެ ޒަމާނީ ވީ.އާރު އަދި އޮގްމެންޓަޑް ރިއާލިޓީ ބޭނުންކުރާނެ. މީގެއިތުރުން ރޮބޮޓިކްސް އަދި ލެގޯ ފަދަ ތަކެތި ބޭނުންކޮށް އެކި ބާވަތުގެ ތަކެތި އުފެއްދުމުގެ ހުނަރު ކުދިންގެ ކިބައިގައި އަށަގެންނެވުމަށް އަޅުގަނޑުން އެންމެ ޒަމާނީ ތަކެއްޗާއެކު ކުދިންނަށް ހާއްސަ ލެބެއްވެސް ވާނީ ބިނާކޮށްފައި." އިރުޝާދު ޓްރަސްޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ރައްޒާޤް ބިން މުހައްމަދު ވިދާޅުވިއެވެ.

ރައްޒާޤް ބިން މުހައްމަދު ވިދާޅުވީ ސިންގަޕޫރުގެ މަންޙަޖު ތަޢާރަފްކުރި ނަމަވެސް، އިސްލާމާއި ދިވެއްސާއި ޤުރުއާން އަދި ޢަރަބި މާއްދާވެސް އެ ސްކޫލުގައި ކިޔަވައިދޭނެކަމަށެވެ. މި ބަދަލާއެކު، މުޅި ސްކޫލުގެ ކިޔެވުން ބައްޓަންވެގެންދާނީ ޢިލްމު އުގަންނައި ދިނުމުގެ އިތުރުން ދަރިވަރުންގެ ހުނަރާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ފަދަ ގޮތަކަށްކަމަށް ރައްޒާޤް ބިން މުހައްމަދު ވިދާޅުވިއެވެ.

އޯފަން ޑޭއަށް ބޮޑު ތަރުޙީބެއް ލިބުނުއިރު ބެލެނިވެރިންގެ ފަރާތުން ގިނަ ޚިޔާލުތަކެއްވެސް ލިބުނުކަމަށް އެސްކޫލުން ބުނެއެވެ.

"ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް"ގެ ނަމުގައި އެސްކޫލް އަންނަ އަހަރު ހިންގަން ފެށުމަށް ތައްޔާރުވަމުންދާއިރު ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމިފައިވާކަމަށް އެސްކޫލުން ބުނެއެވެ.

ސިންގަޕޫރު އިރުޝާދު ޓްރަސްޓް ލިމިޓެޑަކީ އެޤައުމުގެ އިތުރުން، މެލޭޝިއާ، އިންޑޮނޭޝިއާ އަދި އޭޝިއާގެ އެހެން ބައެއް ޤައުމުތަކުގައިވެސް ތަފާތު ނަންނަމުގައި ސްކޫލްތައް ހިންގަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ.

ހުޅުމާލޭގައި ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ސްކޫލްކަމަށްވާ ލާލޭ އިންޓަރނޭޝަނަލް ސްކޫލު، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލަށް ބަދަލުކޮށްފައިވަނީ ސްރީލަންކާގެ ގޭޓްވޭ ކޮލެޖާއި ގުޅިގެން 2017 ވަނަ އަހަރުގެ ތެރޭގައެވެ. މިސްކޫލުން ޕްރީ-ސްކޫލް ތަޢުލީމުން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެމުންދާއިރު، 714 ދަރިވަރުން މިހާރުވެސް އަންނަނީ އެސްކޫލްގައި ތަޢުލީމު ހާސިލުކުރަމުންނެވެ.