ރިޕޯޓް

ކުޑަކުޑަ ހަންޓޭ - ބޮޑު އުންމީދެއްގައި


ކޮންމެ ރަށެއްގެ ވަށައިގެން މާސިންގާ ކަނޑު އޮންނަ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ މިރާއްޖޭގެ ދަރިންނަކީ އެވޭލާ ޒަމާނުއްސުރެ މޫދާއި ކަނޑާ ގުޅިލާމެހިފައިވާ ބައެކެވެ. ޒަމާނަށް އައި ބަދަލާއި ތަރައްޤީއާއެކު، މިގުޅުންވެސްވަނީ ޒަމާނީ ބަދަލުތަކަކަށްވެފައެވެ.

ރާއްޖޭގެ ގުދުރަތީ ވެށީގެ ހިތްގައިމުކަން އެންމެބޮޑަށް ފެންނަނީ މޫދާއި ކަނޑުތަކުންނެވެ. މި މާޙައުލުތަކުގެ ހިތްގައިމުކަމަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އެންމެ ބޮޑުވާ އެއްސަބަބެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ އެންމެ މުހިންމު އެއްދާއިރާއެއްގެ ގޮތުގައި މިހާރު ފެންނަމުންދަނީވެސް މޫދުކުޅިވަރެވެ. ޢާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުން ބަލާނަމަވެސް މިދާއިރާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރިއެރުވޭނެ ކުޅިވަރެކެވެ. ރާއްޖޭގެ މޫދާއި ކަނޑުގެ މާޙައުލަކީ މޫދު ކުޅިވަރުގެ ޤުދުރަތީ "ސްޑޭޑިއަމް" ތަކެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރުން ސިފަކުރެއެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި މޫދު ކުޅިވަރުގެ ވިޔަފާރި ފުޅާވުމާއެކު، މޫދު ކުޅިވަރުގެ ދާއިރާގައި ދިވެހި ޒުވާނުން ޝާމިލުވުން ދަނީ އިތުރުވަމުންނެވެ. ކައިޓް ސާފަރއެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ބ. ގޮއިދޫ، ޖަވާހިރުމާގޭ ޢުމުރުން އެންމެ 15 އަހަރުގެ ޙަސަން މާހިރު، ހަންޓޭގެ ހުނަރުވެރިކަމުން އެކަނިވެސް ރާއްޖޭގައި މިދާއިރާގެ މުސްތަޤުބަލް އުޖާލާމިންވަރު ހާމަވެއެވެ.

ގޮއިދޫ ސުކޫލް ގްރޭޑް 9 ގައި މިހާރު ތަޢުލީމު ޙާސިލްކުރަމުންދާ ހަންޓޭއަކީ ކައިޓްސާރފިންގެ ދާއިރާގައި އުންމީދީ ހުނަރުވެރިއެއްކަމަށް މިދާއިރާގައި މަސައްކަތް ކުރާ މީހުންދެކެއެވެ. އޭނާއަކީ މިދާއިރާގައި އުޖާލާ ކުރިމަގެއް އޮތް ކުއްޖެއްގެ ގޮތުގައި މިދާއިރާގެ ފުންނާބުއުސް ސަރފަރުން ދެކެއެވެ. ހަންޓޭ ބުނީ މިދާއިރާއިން ކުރިއަށްދިއުމުގައި އޭނާގެ ޢާއިލާއާއި ރަށުގެ ޒުވާނުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށެވެ.

ހަންޓޭ ވަނީ ރެޑްބުލްއިން އިންތިޒާމުކޮށްގެން ސްރީލަންކާގެ ކޮލްޕިޓިއާގައި ބޭއްވި "ރެޑްބުލް ހީރޯ ޓުއާ" ގައި އޭނާގެ ހުނަރު ދައްކާލައި އޭނާގެ އުންމީދު ގާދޫކޮލުން ބޭރަށް މިހާރުވެސް ގެންގޮސްފައެވެ.

ރެޑްބުލްކަހަލަ ބޮޑު ބްރޭންޑްއެއްގެ ލޯ މިކުޑަކުއްޖާއައް އަމާޒުވީ، މީސްމީޑިއާގައި ދައުރުވި ހަންޓޭގެ ހުނަރުން ފުރިގެންވާ ވީޑިއޯތަކުންނެވެ. ރެޑްބުލްއިން ރާއްޖޭގައި ހަރަކާތްތެރިވާ ސްޕޯޓްސް އެންޑް އިވެންޓް ސްޕެޝަލިސްޓް އިބްރާހީމް މަފާޒް ބުނީ މީސްމީޑިއާގައި ގޮއިދޫ ވޯޓަރ ސްޕޯޓްސް ޕޭޖުގައި ހުރި ހަންޓޭގެ ވީޑިއޯތައް ބަލައި ތަފާތު ދައިރާއަކުން ކުރިއަރަމުން އަންނަ ކުޑަކުއްޖަކަށްވުމުން އޭނާއަށް އުފުރުސަތު ދިނީކަމަށެވެ. އަދި ކޮންމެ އަހަރަކު ކައިޓް އަކާ ބޯޑްއެއް ރެޑްބުލްއިން ހަންޓޭއަށް ހަދިޔާކުރާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުންވެސް ރާއްޖޭގަ މޫދު ކުޅިވަރު ސާމާނުވިއްކާ ސީ ގިއަރ އިންވެސް ހަންޓޭ ސްޕޮންސަރ ކޮށްފައިވެއެވެ.

ހަންޓޭ ތަމްރީން ކުރުމުގައި އެންމެ އިސްކޮށް އުޅުނު އަދި ހަންޓޭގެ ހުރިހާ ދަތުރެއްގައި ބައިވެރިވާ އެރަށު އާޒާދު ހަސަން ނިޒާމް ބުނީ ހަންޓޭއަކީ ތަފާތު ހުނަރެއް ހުރި ކުޑަކުއްޖެއްކަމަށާއި، އެކަން ސްރީލަންކާގައި ބޭއްވި ރެޑްބުލް ހީރޯ ޓުއަރ ގައި ބައިވެރިވި މީހުންގެ ވާހަކަތަކުންވެސް އެނގިގެން ދިޔަކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ހަންޓޭ މިކަމަށް ބަހައްޓާ ޝައުގު ވެރިކަމަކީ މިދާއިރާއިން ނަންވިދާލުމުގެ އަސްލުކަމަށް ހަސަން ނިޒާމް ބުންޏެވެ. އަދި ގޮއިދޫގެ ގެސްޓްހައުސްތަކަށް އަންނަ ރާއްޖެއިން ބޭރުފަރާތަކުގެ ތައުރީފްވެސް މި ކުޑަކުއްޖާއަށް ލިބެމުންދާކަމަށް އޭނާ ބުންޏެވެ.

ހުނަރުންފުރިގެންވާ މި ކުޑަކުއްޖާއަށް މިހާރު ބޭނުންވަނީ މިދާއިރާއިން ކުރިއަށް ދެވޭނެ ރަގަޅުމަގެކެވެ. އޭނާ ހުނަރު ތަރައްގީކޮށް، ކުރިއަރުވައިފިނަމަ، ކައިޓް ސާރފިންގައި ރާއްޖޭން ބޭރުގައި ވާދަކުރެވިދާނެ ވަރުގަދަ ހުނަރުވެރިއަކަށް އޭނާ ނުވާނެ އެއްވެސް ސަބަބެއް ނެތެވެ. ތަޢުލީމީ ހަޔާތް ނިންމާލުމަށްފަހު ހަންޓޭ ބޭނުންވަނީ މިދާއިރާއިން ކުރިއަށްގޮސް ބޭރު ދުނިޔޭގައި ރާއްޖެއާއި އޭނާގެ އުފަންރަށް ގޮއިދޫ ފަޚުރުވެރިވާފަދަ ދަރިއަކަށް ވާށެވެ.