ޚަބަރު

ކުނި ނެގުމަށްޓަކައި ތިނަދޫ ކައުަންސިލުން ވެހިކަލް ހޯދަނީ


ގދ. ތިނަދޫގައި އުފެދޭ ކުނި ނެގުމަށްޓަކައި ދެ ވެހިކަލް ގަތުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ކުނި ނެގުމަށްޓަކައި ވެހިކަލް ގަތުމަށް އިޢުލާންކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މައުލޫމާތު ސާފު ކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެކައުންސިލުން ބުނެއެވެ.

ތިނަދުގައި ދުވާލެއްގެ މައްޗަށް އަށެއްކަ ޓަނުގެ ކުނި އުފެދޭއިރު، ކުނި މެނޭޖްކޮށް ނައްތާލުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފައެވެ. އެކަންކަމަކީ ގޭބިސީތަކާ ހިސާބުން ފެށޭ ކަންކަމަށްވާއިރު، ކުނި އުކާލުމުގައި ކައުންސިލުގެ އިތުރުން، ދެން ޙަރަކާތްތެރިވާ އަމިއްލަ ފަރާތުގެ އިހުމާލުވެސް އެކަމުގައި އެބައޮތް ކަމަށް ކައުންސިލުން ބުނެއެވެ.

ތިނަދުއަކީ ދުވާލެއްގެ މައްޗަށް އަށް ޓަނުގެ ކުނި އުފެދޭ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. ތޭރަ ހާހެއްހާމީހުން އެރަށުގައި ދިރިއުޅޭ އިރު ހޮޓާތަކާއި ރެސްޓޯރެންޓުތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެހުރިހާ ތަނަކުން އުފެދޭ ކުނި ނެގުމަށް ކައުންސިލުން މިހާތަނަށް ބޭނުންކުރަމުން އައީ އެންމެ ޕިކަޕެކެވެ. އެއީވެސް ކުއްޔަށް ނަގައިގެންނެވެ.