ޚަބަރު

މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ ތައިލޭންޑަށް ފުރާވަޑައިގެންފި


ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވާ ޤުދުރަތީ ކާރިޘާތަކުން ސަލާމަތްވެވޭނެ ގޮތްތައް ދެނެގަތުމާބެހޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޑިފެެންސް މިނިސްޓަރ ތައިލެންޑަށް ފުރާވަޑައިގެންފިއެވެ.

ތައިލެންޑަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި ބައްދަލުވުމުގައި، ކާރިޘާތަކުގެ ދަނޑިވަޅުގައި ކަންތައްތައް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުންވެސް ތަޤްރީރު ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ، މި ބައްދަލުވުމަކީ ރާއްޖެފަދަ ކުދި ޤައުމުތަކަށް މުހިންމު ބައްދަލުވުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ މިހާރުވެސް މޫސުމީ އަދި ޤުދުރަތީ މައްސަލަތައް ކުރިމަތިވާ ޤައުމަކަށްވާއިރު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށާއި، މިކަމުގައި ދުނިޔޭގެ އެހެން ޤައުމުތަކުން ޢަމަލުކުރާ އުސޫލްތައް ދެނެގަނެވި އެކަމުގެ ފައިދާ މިފަދަ ބައްދަލުވުމެއްގެ ސަބަބުން ރާއްޖެއަށް ކުރާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ސާސްކަފުގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތާއި މިހާތަނަށް ތަޖުރިބާކުރެވިފައިވާ ކަންކަން ހިއްސާކުރުމާއި، ޚާއްޞަކޮށް ކުރިއަށް އޮތްތަނުގައި ޢަމަލުކުރެވޭނެ ގޮތް އެނގިގެން ދިއުމަކީ މުޅިޤައުމަށް އޭގެ ފައިދާ ކުރާނެކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކީނޯޓްގައި ފާހަގަކުރަނީ ރާއްޖެފަދަ ޤައުމެއް އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ބެހިފައިވާގޮތުން އެކި ރަށްރަށް ލިބޭ ގެއްލުންތައް ދެނެގަތުމުގައި، ޚާއްޞަކޮށް ރަށްގިރުމާއި އެނޫންވެސް ޤުދުރަތީ މައްސަލަތައް ދެނެގަތުމުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަންތައް ދެނެގަތުމާބެހޭ ގޮތުން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން. އަޅުގަނޑު ބައިވެރިވަނީ މާދަމާ އޮންނަ މިނިސްޓީރިއަލް ބައިގަ" މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ އެހީގައި ޤުތުރަތީ ކާރިޘާތަކުން ސަލާމަތްވެވޭނެ ގޮތްތައް ދެނެގަތުމާބެހޭގޮތުން މިހާރު ތައިލޭންޑްގައި ހިނގަމުންދާ ތިންވަނަ ބައްދަލުވުމުގައި ދުނިޔޭގެ 32 ޤައުމަކުން ބައިވެރިވެއެވެ.