ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ދެއަހަރުދުވަހުގެ ތެރޭގައި އދ. މަހިބަދޫ ބިން ހިއްކާ އެ ރަށުގެ ބިން ބޮޑު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ މަހިބަދޫއިން ގޯތި ދޫނުކުރާތާ 30 އަހަރުވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުން އިންތިޚާބު ކުރައްވައިފިނަމަ މަހިބަދޫގެ ބިން ހިއްކާ އެރަށު ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހިބަދޫގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރުކަމަށާއި އެރަށުގެ ބިން މިހާރަށްވުރެ 50 އިންސައްތަ އިތުރުކޮށްދެއްވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ ތަރައްޤީއަށް 88 ހާސް މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.
މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑު ކަންނެލި އެންމެ ދަށްކޮށް ގަންނާނެ އަގު ކަނޑައަޅުއްވާނެކަމަށާއި މަހިބަދޫގައި ހަދަމުންދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމިގެންދާނެކަމަށެވެ.
މި ސަރުކާރުން މަހިބަދޫގެ ތަރައްޤީއަށް 114 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އދ.މަހިބަދޫއަށް ވަޑައިގަތުމުން ޘަޤާފީ ޙަރަކާތްތަކަކާއެކު އެރަށުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.