ކާނާ

ރެސިޕީ : ކަޝްމީރީ ބިރިޔާނީ

އީދުގައި އާންމުކޮށް ތައްޔާރުކުރާ ތަކެއްޗާއި ތަފާތު މިބިރިޔާނީ ކަމުދާނެ ކަން ޔަގީނެވެ.

ތައްޔާރުކުރަން ބޭނުންވާނެ ތަކެތި :

މެރިނޭޑަށް :
2 މޭޒުމަތީ ސަމުސާ ލޮނުމެދު އަދި އިނގުރު ޕޭސްޓް
430މލ ޕްލެއިން ޔޯގަޓް
½ މޭޒުމަޓީ ސަމުސާ ރީނދޫ
1 މޭޒުމަތީ ސަމުސާ ތެޅި މިރުސް
1 މޭޒުމަތީ ސަމުސާ ކާސްޓަރ ޝުގަރ
1 ½ މޭޒުމަތީ ސަމުސާ ލޮނު
1 ލުނބޮލުގެ ހުތް

ބިރިޔާނީއަށް ބޭނުންވާނެ ތަކެތި :

1 ކިލޯ މަޓަން (ކުދިކޮށް ކޮށާފައި)
500ގ ބާސްމަތީ ހަނޑޫ (ދޮވެފައި، ވިހި މިނެޓު ވަންދެން ފެނުގައި ސޯކްކޮށްފައި)
½ ލުނބޮލުގެ ހުތް
¼ މޭޒުމަޓީ ސަމުސާ ލޮނު
150ގ ގިތެޔޮ (ނޫނީ ވެޖަޓަބަލް އޮއިލްވެސް ބޭނުންކުރެވިދާނެ)
40ގ ހިކި މޭބިސްކަދުރު
60ގ ވޯލްނަޓް
4 ކާފުރުތޮޅިކޮޅު
4 ފޮނިތޮށިކޮޅު (ކުދިއެތިކޮޅު)
1 މޭޒުމަތީ ސަމުސާ ދިރި
2 މޭޒުމަތީ ސަމުސާ މުގުރި ކޮރިއަންޑާ ފަތް
1 މޭޒުމަޓީ ސަމުސާ ގަރަމް މަސާލާ
ސައިސަމުސަލެއްގެ ރޯސް ވޯޓަރ
30ގ ޑްރައި ފިގް، އެޕްރިކޮޓް
30ގ ޑްރައި ކްރޭންބެރީޒް
20ގ މިންޓް ލީފް

މެރިނޭޑް ތައްޔާރުކުރާނެ ގޮތް :

2 މޭޒުމަތީ ސަމުސާ ލޮނުމެދު އަދި އިނގުރު ޕޭސްޓް، 430 މލ ޕްލެއިން ޔޯގަޓް، ½ މޭޒުމަޓީ ސަމުސާ ރީނދޫ، 1 މޭޒުމަތީ ސަމުސާ ތެޅި މިރުސް، 1 މޭޒުމަތީ ސަމުސާ ކާސްޓަރ ޝުގަރ، 1 ½ މޭޒުމަތީ ސަމުސާ ލޮނު އަދި 1 ލުނބޮލުގެ ހުތް ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން މެރިނޭޑްގަނޑަށް މަޓަންކޮޅު އަޅަލާ މިކްސްކޮށްފައި މަތިޖަހާލުމަށްފަހ އެއްކައަރީގައި ބަހައްޓާލާށެވެ.

ބިރިޔާނީ ތައްޔާރުކުރާނެ ގޮތް :

2.5 ލީޓަރުގެ ފެން ބޮޑު ތެއްޔަކަށް އަޅާ ހޫނު ކުރޭ. ދެން ފެންގަނޑުގެ ތެރެއަށް ހަނޑޫ، ލުނބޯ ހުތް، ލޮނު އަޅާ 6 މިނެޓު ކައްކާލައި. ދެން ބަތްތައް ތެލިން ނަގާ ޓްރޭއެއްގެ މަތީ ފަތުރާލާ ހިހޫކުރަން ބަހައްޓާށެވެ.
ހޯދާފައިވާ ގިތެލުގެ 2/3 ބޮޑު ތަވައެއްގެ ތެރެއަށް އަޅާ ހޫނުކޮށްލާފައި އޭގެތެރެއަށް ހިކި މޭބިސްކަދުރު، ވޯލްނަޓްއަޅާ 30ހަކަށް މިނެޓު މީރުކޮށްލުމަށްފަހު ތަވާމަތިން ނަގާ، ޓިޝޫއެއްގެ މަތީ ތެޔޮތައް ހިއްކާލަން ބަހައްޓާށެވެ.
ދެން ތަވަޔަށް ކާފުރުތޮޅި، ފޮނިތޮށި އަޅާ 30 މިނެޓު މީރުކޮށްލައި. ދެން މީގެތެރެއަށް ދިރިކޮޅުއާޅާލައި، ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ކުރިން މެރިނޭޓްކުރި މަޓަންކޮޅު ތަވާތެރެއަށްއަޅާ 12 ވަރަކަށް މިނެޓު ވަންދެން މީރުކުރާށެވެ. އަދި ކޮރިއަންޑަރ ޕައުޑަރ، ގަރަމްމަސާލާއާއެކު 250މލގެ ފެން އެޅުމަށްފަހު މަތިޖަހާ 1 ގަނޑިއިރު މެދުގިނީގައި ކައްކާލާށެވެ. (މިގަޑީގެ ތެރޭގައި މަތިގަނާ ހުރިހާ އެއްޗެއް މިކްސް ކުރަން ވާނެ، އަދި ފެން އަޅާންޖެހޭ ވަރަށް ހިކިއްޖެނަމަ ފެންއަޅަން ވާނެ).
ދެން ބޮޑު ތެއްޔެއްގައި ފުރަތަމަ މަޓަން ލޭޔަރއެއް، ދެން ބަތް ލޭޔަރއެއް ވާގޮތަށް ހުރިހާ އެއްޗެއް ހުސްވަންދެން ލޭޔަރކުރާށެވެ. އަދި އެންމެ ފަހުން ހުރިހާ އެއްޗެއް މައްޗަށް ވޯލްނަޓް، ހިކި މޭބިސްކަދުރު، ކްރޭން ބެރީޒް، މިންޓް ލީފް، ރޯސް ވޯޓަރ، ބާކީހުރި ގިތެޔޮއަޅާލައި މަތިޖަހާ ދިހަމިނެޓު ކައްކާލާށެވެ.